އޯވަވޯޓާ ވިލާއަށްވުރެ ފުޅާ ތަޖުރިބާތަކަށް ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމްގެ މިޝްރާބު

އެޓްމޮސްފިއާ ކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝްރިކާންތް ޑޭޝް ވިދާޅުވި ގޮތުގައި ރެޑް ސީ ޕްރޮޖެކްޓްތަކަކީ ސީދާ ރާއްޖެއާ ވާދަކުރުމަށް އުފައްދާފައިވާ ތަނެއްނަމަވެސް ވާދަ ކުރަން ދަތިވާނެ އެވެ.

ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ރަށް ގިނަ މޯލްޑިވްސް -- ރަށްގިރި ފޮޓޯ

ރާއްޖެ 2000 އަދި 2010 ގެ އަހަރުތަކުގައި މޫދު ކޮޓަރިތަކާއި (އޯވަވޯޓަރ ވިލާ) އިންފިނިޓީ ޕޫލްތަކުގެ ސަބަބުން ދުނިޔޭގެ އެންމެ މަގުބޫލު އެއް ލަގްޒަރީ މަންޒިލެވެ. ނަމަވެސް 2020 ގެ އަހަރުތަކާ ކުރިމަތިލިއިރު، ރާއްޖެއިން ފެންނަ މި މަންޒަރުތައް ވަނީ ދުނިޔޭގެ އެހެން ކަންކޮޅުތަކަށްވެސް ފެތުރިފައެވެ. ދެކުނު އިރުމަތީ އޭޝިއާ، ކެރީބިއަން، އަދި ޚާއްސަކޮށް ސައުދީ އަރަބިއްޔާގެ ރެޑް ސީ ސަރަޙައްދުގައިވެސް މިފަދަ ޕްރޮޖެކްޓްތައް ދަނީ ހިންގަމުންނެވެ. އެހެންކަމުން ރާއްޖެއިން ފޯރުކޮށްދޭ ތަޖުރިބާތައް އިތުރަށް ފުޅާކުރަން މިވަނީ ޖެހިފަ އެވެ.

ލަގްޒަރީ ޓްރެވަލް އެޑްވައިޒާގައި ހުވަފެންފުށީގެ ޖެނެރަލް މެނޭޖަރ ނޮއެލް ކެމަރަން ފާހަގަކުރައްވާ ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު ތަފާތަކީ "ވަން-އައިލެންޑް، ވަން-ރިސޯޓު" ނުވަތަ އެއް ރަށެއްގައި އެއް ރިސޯޓު އޮންނަ ކޮންސެޕްޓެވެ.

"ދުނިޔޭގެ ކޮންމެ ކަނޑެއްގައި ވެސް މޫދު ކޮޓަރިއެއް އެޅިދާނެ. ނަމަވެސް އެތައް ހާސް އަހަރަކުން އުފެދިފައިވާ ގުދުރަތީ މުރަކައިގެ ނިޒާމެއް ކޮޕީއެއް ނުކުރެވޭނެ،" ކެމަރަން ވިދާޅުވިއެވެ.

ސިކްސް އެންޑް ސިކްސް ޕްރައިވެޓް އައިލެންޑްސް އަދި ސިކްސް އެންޑް ސިކްސް ޕްރައިވެޓް ރެސިޑެންސަސްގެ އެއް ހިއްސާދާރު ކަމަށްވާ އެޓްމޮސްފިއާ ކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝްރިކާންތް ޑޭޝް ވިދާޅުވި ގޮތުގައި ސައުދީ އަރަބިއްޔާގެ ރެޑް ސީ ޕްރޮޖެކްޓްތަކަކީ ސީދާ ރާއްޖެއާ ވާދަކުރުމަށް އުފައްދާފައިވާ ތަންތަނެވެ.

ނަމަވެސް ރާއްޖޭގެ ހޫނު މޫސުމާއި، އޭޝިއާ އަދި ގަލްފުގެ މައި ހަބްތަކާ އޮންނަ ގުޅުމާއި، ޗައިނާ އަދި އިންޑިއާއާ ގާތްވުމުގެ އިތުރުން، ޕްރައިވެޓް އައިލެންޑް ރިސޯޓުތައް ރާއްޖޭގައި އޮންނަ މިންވަރަކީ އެހެން ގައުމަކަށް ވާދަކުރަން ދަތިވާނެކަމެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

މިފަދަ ވާދަވެރިކަމެއް އޮތް ނަމަވެސް ރާއްޖެއަށް އޮތް ޑިމާންޑަކަށް ބަދަލެއް ނާދެ އެވެ. ވިޒިޓް މޯލްޑިވްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރިއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.8% ގެ ކުރިއެރުމެކެވެ. ޑިސެމްބަރ 2025 ގައި 224,455 ޓޫރިސްޓުން އައިސް ރެކޯޑެއް މުގުރާލިއިރު، ޖެނުއަރީ 2026 ގައި ވަނީ 224,788 ފަތުރުވެރިން ޒިޔާރަތްކޮށް އެ ރެކޯޑުވެސް އާކޮށްފައެވެ. އަދި 2026 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހާ ހަމައަށް އެއް މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.

ސްއީޓްސް އެންޑް ވިލާސްގެ ފައުންޑާ ޖޭމްސް ނައިޓިންގޭލް ވިދާޅުވާ ގޮތުގައި ހަނީމޫން އަދި ފިނި މޫސުމުގެ ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަކީ އަދިވެސް އެންމެ މަގުބޫލު އެއް މަންޒިލެވެ. ނަމަވެސް ހޮޓެލް އިންޑަސްޓްރީގައި ތަންތަން ވަރަށް އަވަހަށް ބާވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މުހިންމީ އައު ތަޖުރިބާތަކެވެ.

މިގޮތުން ހުވަފެންފުށީގެ 'އޯޝަންޕީޑިއާ' ޕްރޮގްރާމް މެދުވެރިކޮށް ޓޫރިސްޓުންނަށް ކަނޑުއަޑީގެ ދިރުންތަކާ ބެހޭ މާހިރުންނާއެކު ފީނައި މުރަކަ އިންދުމާއި ހިމާޔަތްކުރުމުގެ މަސައްކަތުގައި ބައިވެރިވެވެ އެވެ. މީގެ އިތުރުން ސިކްސް އެންޑް ސިކްސް ފަދަ ބްރޭންޑްތަކުން އަމާޒު ހިފާފައިވަނީ "ލިވް ޔޯ ލައިފްސްޓައިލް" (އަމިއްލަ ލައިފްސްޓައިލާ އެއްގޮތަށް އުޅުން) ކޮންސެޕްޓަށެވެ. އެގޮތުން 90 ކޮޓަރި އަށް ވުރެ މަދުކޮށް ތަން ފަރުމާކޮށް 24 ގަދިއިރު ޚިދުމަތް ލިބޭގޮތަށް އަދި ޓޫރިސްޓުން ބޭނުން ކޮންމެ ތަނަކަށް އިތުރު އަގަކާ ނުލައި ހެނދުނުގެ ނާސްތާ ގެންގޮސްދިނުން ފަދަ ކަންކަން ހިމަނާފައިވެ އެވެ. 

ކުރިން ރާއްޖެ މަޝްހޫރުވެފައި އޮތީ ހަމައެކަނި ލޯބިވެރިންގެ މަންޒިލެއްގެ ގޮތުގައި ނަމަވެސް، މިހާރު އާއިލީ ދަތުރުތަކާއި، ބްރޭންޑެޑް ރެސިޑެންސްތަކަށް އޮންނަ ތަރުހީބު އަންނަނީ ބޮޑުވަމުންނެވެ. އަދި ތަކުރާރުކޮށް ރާއްޖެ އަންނަ ޓޫރިސްޓުންގެ ޝައުގުވެރިކުރުވުމަށްޓަކައި ކަނޑުގެ ދިރުންތައް ދިރާސާކުރުމާއި ސަގާފަތާއި ވެލްނަސް ޕްރޮގްރާމްތަކުގެ މުހިންމުކަން ވަނީ ބޮޑުވެފަ އެވެ. ލަގްޒަރީ ޓޫރިޒަމް ވިއްކުމުގައި ހަމައެކަނި މޫދު ކޮޓަރިއެއް ދެއްކުމަށްވުރެ، ޓޫރިސްޓުނނާ ގުޅޭ ހާއްސަ ތަޖުރިބާތަކެއް ފޯރުކޮށްދިނުން މިވަނީ މުހިންމުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.