ބަންޑާރަކޮށީގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.

ގަލްފުގެ ގައުމުތަކުން ކަނޑު މަގުން މުދާ އުފުލުމުގައި ބޭނުންކުރާ މައި ކަނޑުއޮޅިތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ސައުދީ އަރަބިއްޔާއިން އިސްވެ އުފައްދާފައިވާ ދިފާއީ އިއްތިހާދުގައި ރާއްޖޭން ރަސްމީކޮށް ބައިވެރިވެއްޖެ އެވެ.
ބަންޑާރަކޮށީގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.
ބައިނަލްއަގުވާމީ ޤާނޫނުތަކާއި، އދ.ގެ މުޢާހަދާތަކާއި، ބައިނަލްއަގުވާމީ ގުޅުންތަކުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، އުފެއްދި މި ކޯލިޝަނުގައި ދިވެހިރާއްޖޭގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއާ އެކު ގާތްގުޅުންތައް ބާއްވާ ގިނަ ޤައުމުތަކަކުން ބައިވެރިވެފައި ވާ އިރު، މި ކޯލިޝަނުގައި ދިވެހިރާއްޖެއިން ބައިވެރިވުމުން ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދުގައި އޮތް ގާތް އަޚްވަންތަ ގުޅުން އިތުރަށް ހަރުދަނާވެ، ކަނޑުމަގުން ދިވެހިރާއްޖެއަށް މުދާ ގެނައުމަށް ބޭނުންކުރާ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިވެހިރާއްޖޭގެ މަސްލަޙަތުތައް ޙިމާޔަތްކުރުމުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ޔަމަނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ، ހޫތީންގެ ހަމަލާތަކާ ގުޅިގެން، ރަތްކަނޑާއި، ބާބުލްމަންދަބު އަދި އަދަން ކަނޑުއޮޅި ހިމާޔަތްކުރަން ބައިނަލްއަގުވާމީ އިއްތިހާދެއް ސައުދީން އިއުލާނުކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.
އެ އިއްތިހާދުގައި މިހާތަނަށް 14 ގައުމަކުން ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި ސައުދީ އަރަބިއްޔާ، ތުރުކީ، ކުވެއިތު، ބަހްރެއިން، ގަތަރު، އުރުދުން، މިސްރު، ޕާކިސްތާން، ޖިބޫތީ، ސޯމާލިއާ، ބަންގްލަދޭޝް، ޔަމަން އަދި ކޮމޮރޯސް ހިމެނެ އެވެ.
މި ކޯލިޝަން އުފެއްދި ގައުމުތަކުން ބުނެފައިވަނީ، އިއްތިހާދުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މެންބަރު ގައުމެއްގެ އަމިއްލަ ސިޔާދަތީ ނިންމުމެއް ކަމަށެވެ. މި ކޯލިޝަންގެ ހަރަކާތްތައް ކުރިއަށްގެންދާނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައި، ދައުލަތްތަކުގެ ސިޔާދަތަށް އިހުތިރާމްކޮށް، ކަނޑުދަތުރުފަތުރުގެ މިނިވަންކަން ހިމާޔަތްކުރެވޭ ގޮތަށް ކަމަށް އެ ގައުމުތަކުން ފާހަގަކުރި އެވެ.