މި ފްލީޓުގައި ހިމެނޭ 18 ޔޮޓުގެ ތެރެއިން 15 ޔޮޓަކީ އަޒިމުޓްގެ "މެޖެލާނޯ" ހިމެނެ އެވެ. މި ޔޮޓްތަކަށް ސާވިސް ދޭން ސެންޓަރެއްވެސް މާލޭގައި ހަދާނެ އެވެ.

އިޓަލީގެ މަޝްހޫރު ޔޮޓް އުފައްދާ ކުންފުނި "އަޒިމުޓް" އިން ރާއްޖޭގައި އިންޑިއާ ކަނޑުގެ އެންމެ ބޮޑު ޔޮޓް ފްލީޓް އުފައްދަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ އިޓަލީގެ ނޫސްތަކުގައިވާ ގޮތުން ރާއްޖެ ގެންނަ މި ޔޮޓްތައް މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހިންގާ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި އަދި ރޯޒްވުޑް ރަންފަރު މޯލްޑިވްސް ރިސޯޓުގެ ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށެވެ. އެސެޓްސް ގްރޫޕުން ހާމަކޮށްފައިވާ ގޮތުގައި މި ފްލީޓުގައި ހިމެނޭ 18 ޔޮޓުގެ ތެރެއިން 15 ޔޮޓަކީ އަޒިމުޓްގެ "މެޖެލާނޯ" ސީރީޒްގެ އުޅަނދުތަކެވެ.
ގަތަރުގެ ޕަވާ އިންޓަނޭޝަނަލް ހޯލްޑިންގްސްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ އެސެޓްސް ގްރޫޕްގެ ގްރޫޕް ސީއީއޯ ޚާލިދު ޒީ އަލްނޯން ވިދާޅުވީ މި އިންވެސްޓްމަންޓާއެކު އެ ކުންފުނި ވެގެންދާނީ އިންޑިއާ ކަނޑުގައި އެންމެ ބޮޑު ޕްރައިވެޓް ލަގްޒަރީ ޔޮޓް ފްލީޓް އޮޕަރޭޓްކުރާ ކުންފުންޏަށް ކަމަށެވެ. މީގެ އިތުރުން، އަޒިމުޓް-ބެނެޓީ ގްރޫޕްގެ ސީއީއޯ މާކޯ ވެލޭ ވިދާޅުވީ މިއީ އަލްޓްރާ-ލަގްޒަރީ ހޮސްޕިޓާލިޓީ ދާއިރާގައި އެ ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ކާންސް ޔޮޓިން ފެސްޓިވަލްގެ ތެރެއިން، އަޒިމުޓްގެ ގްރޭންޑް 44އެމް ފްލެގްޝިޕް ޔޮޓުގައެވެ.
މި އެއްބަސްވުމުގެ ދަށުން ޔޮޓްތަކަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ދިނުމަށްޓަކައި މާލޭގައި އާ "އަޒިމުޓް ސާވިސް ސެންޓަރެއް" ގާއިމުކުރުމަށް ވެސް ގާއިމް ކުރާނެ އެވެ. މި ސެންޓަރު ހިންގުމުގައި އަޒިމުޓްގެ އިޓަލީ ޓީމާއި އެލީޓް ޔޮޓްސްގެ ފަރާތުން ހިންގާ އަޒިމުޓް ޔޮޓްސް މޯލްޑިވްސްގެ އެހީތެރިކަން ލިބޭނެ އެވެ.
ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމުގެ ދާއިރާ އަށް އަންނާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މި ދާއިރާގެ ތަޖުރިބާކާރުން ވެސް ފާހަގަކުރެ އެވެ.