މައްކާއަށް ދޭން އުޅުނު ޑްރޯން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި

މިފަދަ ފިނޑި އަމަލުތަކަކީ މުޅި އިސްލާމީ އުންމަތުގެ އިހުސާސްތަކަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަންކަން ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވި.

ރައީސް ޑރ. މުހައްމަދު މުއިއްޒު

މާތްވެގެންވާ މައްކާގެ ބިމަށް އަމާޒުކޮށް ހޫތީން ދޭން އުޅުނު ޑްރޯން ހަމަލާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އިސްލާމްދީނުގެ އެންމެ މާތް ބިމުގެ ރައްކާތެރިކަމާއި ހުރުމަތަށް ނުރައްކާވާ ފަދަ ކޮންމެ އަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

އަދި މިފަދަ ފިނޑި އަމަލުތަކަކީ މުޅި އިސްލާމީ އުންމަތުގެ އިހުސާސްތަކަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަންކަން ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ނާޒުކު ދަނޑިވަޅުގައި ރާއްޖެ އޮތީ ސައުދީ އަރަބިއްޔާއާއެކު ފުރިހަމަ އެއްބައިވަންތަކަމާއި ބަދަހިކަންމަތީގައިކަން ރައީސް ހާމަކުރެއްވިއެވެ. 

މީގެއިތުރުން، މައްކާއާއި އެރަށަށް ޒިޔާރަތްކުރާ ހައްޖާޖީންނާއި އުމްރާވެރިންގެ އިތުރުން މުޅި ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ސައުދީ ރޯޔަލް އެއާ ޑިފެންސް ފޯސަސްއިން ދެއްކި އަވަސް އަދި ހުށިޔާރު އަސްކަރީ އިޖާބައަށް އެ މަނިކުފާނު ވަނީ ސާބަސް ދެއްވާފަ އެވެ.

މީގެއިތުރުން، ރައީސް ވަނީ މިފަދަ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައްވާފަ އެވެ. އަދި ސަރަހައްދީ މަސްރަހު އިތުރަށް ގޯސްވިޔަނުދީ، ސުލްހައާއި މަޝްވަރާގެ މަގު ހިޔާރުކުރުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް އެ މަނިކުފާނު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ޔަމަންގެ ހޫތީ ހަނގުރާމަވެރިން މައްކާ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް އެ ސަރަހައްދަށް ވަނުމުގެ ކުރިން ވައްޓާލާފައިވާ ކަމަށާއި ހަމަލާތަކުގެ ނުރައްކާ ދެ ހަރަމްފުޅާއި އަޅުވެރިންނަށް ފޯރަން ފަށައިފި ނަމަ އެއީ ރަތް ރޮނގު ފަހަނަޅައި ދިއުން ކަމަށް ސައޫދީން ވަނީ ބުނެފަ އެވެ.

ހޫތީން ވަނީ މި ހަމަލާ ދިން ކަމަށް އިންކާރުކޮށް، ހަމަލާ ދެނީ ސައޫދީގެ ތެލުގެ ވަސީލަތްތަކަށް ކަމަށާއި އެއީ މައްކާ އާއި މަދީނާއާ ވަރަށް ދުރުން ކަމަށް ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.