މިއީ ޖުމްލަ 118 ވިލާ ހިމެނޭހެން އެޓްމޮސްފިއަރގެ އައު "ވަން ބެންޔަން" ސީރީޒްގެ ދަށުން ތަޢާރަފުކުރާ ފުރަތަމަ ރިސޯޓެވެ.

މަޝްހޫރު ހޮސްޕިޓަލިޓީ ބްރޭންޑް، އެޓްމޮސްފިއާ ކޯ އިން ރާއްޖޭގައި ތަރައްޤީކުރާ 10 ވަނަ ރިސޯޓު ކަމަށްވާ "ވަން ބެންޔަން އަމާރާ ފަރު އޭން އެޓްމޮސްފިއާ ހޮޓެލް އަންނަ އަހަރުގެ މާޗް މަހު ހުޅުވަން ނިންމައިފި އެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ދުނިޔޭގެ މަޝްހޫރު ނޫސްތަކުގައި ވަނީ މި ރިސޯޓުގެ ސިފަތަކާއި ރިސޯޓުން ލިބެން ހުރި ހާއްސަ ކަންކަމުގެ މައުލޫމާތު ގެނެސްދީފަ އެވެ.
މި ރިސޯޓް ތަރައްގީ ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑްބޯޓުގައި 45 މިނެޓުން ދެވޭ ރާސްތާގަ އެވެ. މިއީ ޖުމްލަ 118 ވިލާ ހިމެނޭހެން އެޓްމޮސްފިއާގެ އާ "ވަން ބެންޔަން" ސީރީޒްގެ ދަށުން ތައާރަފުކުރާ ފުރަތަމަ ރިސޯޓެވެ.
ރިސޯޓުގެ ފަރުމާކުރުންތައް ބިނާކޮށްފައިވަނީ ރަށުގެ ވަށައިގެންވާ ކަނޑުގެ ދިރުންތަކަށާއި، ދިވެހިންގެ ޒަމާންވީ ފަންގިވިނުމުގެ ސަގާފަތް ޒަމާނީ ފެންވަރަކަށް ދައްކުވައިދޭ ގޮތަށެވެ. ބީޗް އަދި އޯވާވޯޓާ ވިލާތަކުގެ އިތުރުން 3 ސްޕެޝަލިޓީ ރެސްޓޯރެންޓާއި، އެލީނާ އާޔުރް ސްޕާ އެންޑް ވެލްނަސް ސެންޓަރެއް ހުންނާނެ އެވެ. އާއިލާތަކަށް ހާއްސަ ގިނަ ވަސީލަތްތަކާއެކު، ޑައިވިން އަދި ވޯޓާ ސްޕޯޓްސްގެ ހިދުމަތްވެ ވެސް ލިބެން ހުންނާނެ އެވެ.
ކެއިންބުއިމަށް ހާއްސަކޮށް މި ރިސޯޓުގައި އާޖެންޓީނާ އަދި ޖަޕާނުގެ ރަހަތައް ލިބޭނެ އިންތިޒާމުތަކާއި މެއިން ޕޫލް ހުންނާނެ އެވެ.
އެޓްމޮސްފިއާ ކޯގެ ކޯ-ފައުންޑަރު އަދި މެނޭޖިން ޑިރެކްޓަރު ސަލިލް ޕަނިގްރާހީ ވިދާޅުވީ، ރާއްޖޭގައި ފެންވަރު ރަނގަޅު އަދި ކަސްޓަމަރުންނާ ގުޅޭ ހާއްސަ ތަޖުރިބާތަކެއް ކުރެވޭނެ ފަދަ ރިސޯޓުތަކަށް އޮންނަ ޑިމާންޑު އިތުރުވަމުން އަންނަ ކަމަށެވެ. އަދި އަމާރާ ފަރު މެދުވެރިކޮށް އެ ކުންފުނީގެ ޝިއާރު ކަމަށްވާ "އަ ނިއު އެކްސްޕީރިއަންސް އަވޭޓްސް" ހަގީގަތަކަށް ވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ތިމާވެއްޓާ ރައްޓެހި ގޮތަކަށް ރިސޯޓު ހިންގުމަށްޓަކައި އެޓްމޮސްފިއާ ކޯ އިން ވަނީ ހާއްސަ ސަމާލުކަމެއް ދީފަ އެވެ. އެގޮތުން އިރުގެ އަލިން ހަކަތަ އުފެއްދުމާއި، ފެން އިގުތިސާދުކުރާނެ ނިޒާމުތައް ގާއިމުކުރުމުގެ އިތުރުން، މިއީ ޕްލާސްޓިކް ބޭނުންނުކުރާނެ ރިސޯޓެއް ކަމަށް އެ ކުންފުނިން މަޢުލޫމާތުދެ އެވެ.
އަމާރާ ފަރު ރިސޯޓަކީ ޔޫރަޕާއި ދެކުނު އޭޝިއާގައި 20 އަށްވުރެ ގިނަ ޕްރޮޕަޓީ ތަރައްޤީކުރުމަށް އެޓްމޮސްފިއާކޯ އިން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.