ދެވަނަ ކުއާޓަރު | އިމާރާތްކުރުމުގެ ދާއިރާގެ ޖީއެސްޓީ ބޮޑުތަނުން ދަށަށް

މިދިޔަ އަހަރު ދެވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ ދާއިރާއިން 220.97 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 205.93 މިލިއަން ރުފިޔާ އެވެ.

އިމާރާތް ކުރަމުންދާ ތަނެއް : މި ދާއިރާ ކުރިއެރުން މަޑު

މިދިޔަ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއިން ދައުލަތަށް ލިބުނު ޖީއެސްޓީ އާމްދަނީ ބޮޑުތަނުން ދަށްވެއްޖެ އެވެ. 

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓް ދައްކާ ގޮތުން އިމާރާތްކުރުމުގެ ދާއިރާއިން ލިބުނު ޓެކްސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6.8 ޕަސެންޓް ދަށްވެފަ އެވެ. އެގޮތުން 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ ދާއިރާއިން 220.97 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 205.93 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ އިގުތިސާދުގެ މުހިންމު ސިނާއަތެއްގެ ގޮތުގައި ހިމެނޭ އިމާރާތްކުރުމުގެ ދާއިރާގެ ޖީއެސްޓީ ދަށްވި ނަމަވެސް، އާންމު ސެކްޓަރުން (ޖީޖީއެސްޓީ) ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ އިތުރުވެފައެވެ. 

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އާންމު ސެކްޓަރުގެ ޖީއެސްޓީ ވަނީ 4.2 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން 2025 ވަނަ އަހަރު 1.37 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވަނީ 1.43 ބިލިއަން ރުފިޔާ ލިބިފަ އެވެ.  

މި ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައިވަނީ ހޯލްސޭލް އަދި ރީޓޭލް ވިޔަފާރީގެ ދާއިރާއިންނެވެ. އެ ދާއިރާއިން ޖީއެސްޓީގެ ގޮތުގައި 692.60 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 11.6 ޕަސެންޓްގެ ކުރިއެރުމެކެވެ. މީގެ އިތުރުން ކެއިންބުއިމާއި އެކޮމޮޑޭޝަންގެ ޚިދުމަތްތަކުން 76.08 މިލިއަން ރުފިޔާ (12.7 ޕަސެންޓްގެ ކުރިއެރުން) އަދި މައުލޫމާތާއި މުވާސަލާތީ ދާއިރާއިން 87.99 މިލިއަން ރުފިޔާ (10.8 ޕަސެންޓްގެ ކުރިއެރުން) ލިބިފައިވާކަން ރިޕޯޓުން ފާހަގަކުރެވެ އެވެ.  

އިމާރާތްކުރުމުގެ ދާއިރާގެ އިތުރުންވެސް ބައެއް އެހެން ސިނާއަތްތަކުން ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. އެގޮތުން އުފެއްދުންތެރިކަމުގެ ދާއިރާ (މެނުފެކްޗަރިން) އިން ލިބުނު ޖީއެސްޓީ 9.2 ޕަސެންޓް ދަށްވެފައިވާއިރު، ރިއަލް އެސްޓޭޓް ދާއިރާއިން ލިބުނު އާމްދަނީ ވެސް ވަނީ 41.4 ޕަސެންޓް ދަށްވެފަ އެވެ. މީގެ އިތުރުން ފެނާއި ނަރުދަމާ އަދި ކުނި މެނޭޖުކުރުމުގެ ދާއިރާއިން ލިބުނު ޖީއެސްޓީ ވަނީ 85.3 ޕަސެންޓް ދަށްވެފަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.