"ސިޔާސީ ބަދަލުހިފުން ނިމުމަކަށް ގެނެސް، ހަމަޖެހުން ގެނެސްދެވިއްޖެ"

ޕީއެންސީގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޑރ. މުޢިއްޒު ވަނީ އިންތިޚާބަށްފަހު ޕާޓީގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނުއުފެއްދުމަށް އެދިވަޑައިގެންފައެވެ.

ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ -- ޕީއެންސީ

މާލެ: ރާއްޖޭގައި އޮތް ސިޔާސީ ވެރިން ޖަލަށްލުމާއި ސިޔާސީ ގޮތުން ބަދަލުހިފުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، ޤައުމުގައި ސިޔާސީ ހަމަޖެހުން ޤާއިމުކުރެވިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ވޭތުވެދިޔަ ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ސިޔާސީ ލީޑަރަކު ޖަލަށް ލާފައި ނުވާނެ ކަމަށާއި، އެއްވެސް ބޭފުޅަކަށް ސިޔާސީ މަސައްކަތް ކުރުމުގެ ބިރުވެރިކަމެއް މިހާރު ނޯންނާނެ ކަމަށެވެ. އަދި ކުރިއާ ޚިލާފަށް، ކުރީބައިގައި އެންގުމަކާ ނުލައި އެއްވެ އުޅުމުގެ މިނިވަންކަން މިހާރު ފުރިހަމައަށް އޮންނާނެކަމަށާއި، އިސްލާމްދީނުގެ ހުދޫދުގެ ތެރެއިން ޚިޔާލުފާޅުކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ސިޔާސީ ޕާޓީތަކުގެ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު އިސްކުރުމަށް ހުރިހާ ޕާޓީތަކަށް ގޮވާލައްވާފައެވެ. ރާއްޖޭގެ އިޖުތިމާޢީ ފޭރާން ހަލާކުވެފައިވާކަން ފާހަގަކުރައްވައި، އެކަން ރަނގަޅުކުރުމަށް ސަރުކާރުން ފަށާ "އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގައި އިދިކޮޅު ފަރާތްތަކުގެ އެއްބާރުލުން ނުލިބޭތީ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ރައީސް ވިދާޅުވީ ޕީއެންސީގެ ފިކުރު ބިނާވެފައިވަނީ ޤައުމީ ފިކުރާއި އިސްލާމްދީނުގެ މައްޗަށް ކަމަށާއި، ޕާޓީގެ މައިގަނޑު ތިން އަސާސަކީ ހަމަޖެހުމާއި، ތަރައްޤީ އަދި ރައްކާތެރިކަން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަމުން ދާނީވެސް މި އަސާސްތަކުގެ މަތީގައި ކަމަށް ވިދާޅުވިއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޑރ. މުޢިއްޒު ވަނީ އިންތިޚާބަށްފަހު ޕާޓީގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނުއުފެއްދުމަށް އެދިވަޑައިގެންފައެވެ. މި އިންތިޚާބުގައި ޕާޓީގެ ނައިބު ރައީސުންގެ 6 މަޤާމަށް 8 ބޭފުޅަކު ވާދަކުރައްވާއިރު، އަންހެނުންގެ 10 މަޤާމަށް 22 މެންބަރުން އަދި ޒުވާނުންގެ 7 މަޤާމަށް 13 މެންބަރުން ވާދަކުރެއެވެ. މީގެ އިތުރުން ޢާންމު މެންބަރުންގެ 18 މަޤާމަށް 73 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. ރައީސް ވިދާޅުވީ އިންތިޚާބުން މޮޅުވާ ފަރާތްތަކާއި ބަލިވާ ފަރާތްތަކުން ވެސް ސަލާމްކޮށްލުމަށްފަހު ގުޅިގެން އެކީގައި ކުރިއަށް ދިއުމަކީ އެންމެ ރީތި ގޮތްކަމުގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.