މިހާރު ކުރަމުންދާ ވިއްސާރަ، ބުރާސްފަތި ދުވަހުން ފެށިގެން އެއްކޮށް އަލިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

މިދިޔަ ހަފްތާ ބަންދުން ފެށިގެން މުޅި ރާއްޖެއަށް އަދި ވަކިން ހާއްސަކޮށް ދެކުނުގެ ރަށްރަށަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތައް ވަޒަން ކުރުމަށްފަހު އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑީއެމްއޭ އިން ބުނީ ވޭތުވެދިޔަ ހަތަރު ދުވަހު ހާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރައިގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ގއ. އަދި ގދ. އަތޮޅުގެ ރަށްރަށުގައި ފެންބޮޑުވުމަށްފަހު، މިހާރު މޫސުން ރަނގަޅުވަމުން އަންނަކަމަށް އެ ރަށްރަށުގެ ކައުންސިލްތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އަދި ވިއްސާރައާ ގުޅިގެން މެދުކެނޑުނު އާންމު ހިދުމަތްތައް އަލުން ފެށި، ހާލަތު އާދައިގެ ދިރިއުޅުމަކަށް ބަދަލުވަމުންދާކަން ވެސް އެ އިދާރާތަކުން ފާހަގަކޮށްފައިވާ ކަމަށެވެ.
"މި ވިއްސާރައިގައި ގެއްލުން ލިބުނު ގެތައް ސާފުކުރުމާއި، ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން މިހާރު ވަނީ ފަށާފައި. އަދި ދިރިއުޅުމަށް ދަތިވެގެން ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލުކުރެވުނު އާއިލާތައް އަނބުރާ އެމީހުންގެ ގެދޮރަށް ބަދަލުވުމުގެ އިންތިޒާމުތައް ވެސް ދަނީ ހަމަޖައްސަމުން،" އެންޑީއެމްއޭ އިން ބުންޏެވެ.
މީގެއިތުރުން، ފެންބޮޑުވުމުގެ ސަބަބުން ބައެއް ރަށްރަށުގެ ނަރުދަމާ ނިޒާމަށް ދިމާވި މައްސަލަތައް ހައްލުކޮށް، އެ ހިދުމަތް ގާތްގަނޑަކަށް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި، ވިއްސާރައިގައި ލިބުނު ގެއްލުންތައް ވަޒަންކުރުމަށްފަހު ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަން މިއޮތޯރިޓީން ވިލަރެސްކޮށް ފޯރުކޮށްދެމުން ގެންދާނެ،" އެންޑީއެމްއޭ އިން ބުންޏެވެ.
މިހާރު ކުރަމުންދާ ވިއްސާރަ، ބުރާސްފަތި ދުވަހުން ފެށިގެން އެއްކޮށް އަލިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.