އަދި އެކަން ކުރިއަށް ގެންދާނެ ގޮތަކާމެދު ދެގައުމުގެ މަރުކަޒީން ބޭންކުން ވީހާވެސް އަވަހަކަށް ގޮތެއް ނިންމުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.

މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އޮނާސް ފެސިލިޓީއެއް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު މިކަން ހާމަކުރެއްވީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ވެރިން ދެއްވި ގުޅިފައިވާ ބަޔާނުގަ އެވެ.
އަންވަރު ވިދާޅުވީ މެލޭޝިއާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއަކަށް ރާއްޖޭން އެދިފައިވާ ކަމަށާއި، އެކަމަށް އެގައުމުގެ ސަރުކާރުން އިޖާބަ ދެއްވާނެ ކަމަށެވެ. އަދި އެކަން ކުރިއަށް ގެންދާނެ ގޮތަކާމެދު ދެގައުމުގެ މަރުކަޒީން ބޭންކުން ވީހާވެސް އަވަހަކަށް ގޮތެއް ނިންމުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.
އެކަން ކުރެވިގެން ދާނީ އިތުބާރާއި އެކުވެރިކަމުގެ ތެރެއިން ކަމަށް ވެސް މެލޭޝިއާގެ ބޮޑުވަޒީރު ފާހަގަކުރެއްވި އެވެ.
އަންވަރު އިތުރަށް ދެއްކެވި ވާގަކަފުޅުގައި، ދެ ގައުމުން އިސްކަން ދޭ އެހެނިހެން ދާއިރާތަކުން މަޝްވަރާ ކުރެވުނު ކަންކަން ވެސް ފާހަގަކުރެއްވި އެވެ. އެގޮތުން މެލޭޝިއާއަކީ 2،000އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ތައުލީމު ހާސިލްކުރާ ގައުމަކަށްވާއިރު، އެ ދަރިވަރުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ވިސާގެ މައްސަލަތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށް އަންވަރު ވިދާޅުވި އެވެ.
އޭގެ އިތުރުން، މެލޭޝިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުުން އިތުރަށް ވަރުގަދަކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ޖޮއިންޓު ކޮމިޝަނެއް އެކުލަވާލައި، މިއަހަރު ނިމުމުގެ ކުރިން އެ ކޮމިޝަނުގެ ފުރަތަމަ ބައްދަލުވުން މެލޭޝިއާގައި ބޭއްވުމަށް އަންވަރު ވަނީ ހުށަހަޅުއްވާފަ އެވެ.