ރައީސް އެދިވަޑައިގަތީ ޕީއެންސީ އެއް އާއިލާއެއް ގޮތުގައި ތިބެ ގައުމު އިސްކުރަން

އެއް އާއިލާއެއް ގޮތުގައި އެއް ރޫހެއްގައި މަސައްކަތް ކުރުމަށާއި ސިޔާސީ މައިދާން މިހާރަށް ވުރެ ރަނގަޅު ކުރުމުގައި މިސާލު ދައްކާ ޕާޓީއަކަށް ވުމަށް ރައީސް އެދިވަޑައިގަތެވެ.

ޕީއެންސީ ކޮންގްރެސް ފެއްޓެވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ--ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ހުރިހާ މެންބަރުން އެއް އާއިލާއެއް ގޮތުގައި ތިބެ ގައުމާއި ޕާޓީގެ މަސްލަހަތު އިސް ކުރުމުގެ އަޒުމުގައި ދެމިތިބުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ޕީއެންސީގެ ކޮންގްރެސް ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމުގެ ތަރައްގީ އާއި ސަރުކާރުގެ ތެރޭގައި މަސައްކަތް ކުރުމަށް ޕާޓީގެ ދައުރު ފުޅާ ކުރަން ޖެހޭ ކަމަށާއި އެކަން ކުރުމަށް ޕީއެންސީގެ ހުރިހާ ގުނަވަންތަކެއް އެކުގައި އެއް ރޫހެއްގައި އަދި އެއް އާއިލާއެއް ގޮތުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އެއް އާއިލާއެއް، އެއް ޓީމެއް ގޮތުގައި ވަރުގަދަ ރޫހެއްގައި އެންމެން ގައުމީ މަސްލަހަތާއި ޕާޓީގެ މަސްލަހަތު ކުރިޔަށް ނެރެ އެންމެ ފުރަތަމަ ގައުމަކީ އަޅުގަނޑުމެންގެ ޝިއާރުކަން ހަނދާނުގައި ބަހައްޓައިގެން ގައުމުގެ ކުރިމަގަށްޓަކައި ޕާޓީގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރަން ކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ޕީއެންސީގެ ސިޔާސަތަކީ ރައީސް ވިދާޅުވި ގޮތުގައި ހަމަޖެހުން، ތަރައްގީ، ރައްކާތެރިކަމެވެ. 

ޕާޓީގެ ހުރިހާ މެންބަރުން ވެސް އެ ސިޔާސަތުތައް ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ރައްޔިތުންނަށް ޕާޓީގެ ފަލްސަފާތައް އޮޅުން ފިލުވައިދިނުމުގައި ވެސް އެ މަގުން ކަންކަން ކިޔައި ދިނުމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ސިޔާސީ މައިދާން މިހާރު އޮތް ހާލަތަށް ވުރެ ފުރިހަމަ ހާލަތަށް ގެންދިޔުމަށް ޕީއެންސީން މިސާލު ދައްކަން ޖެހޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރު ބުނާ ގޮތުން ޕީއެންސީއަކީ މިވަގުތު އެންމެ ގިނަ މެންބަރުން ތިބި ޕާޓީ އެވެ. 

ރައީސް ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރިއިރު ޕާޓީގައި ތިބީ 3000 އެއްހާ މެންބަރުންނެވެ. ނަމަވެސް މިއަދު އެ އަދަދު 80،000 މެންބަރުންނަށް އިތުރު ކުރެވިފައިވާ ކަމަށާއި އެއީ މެންބަރުން ކުރި ބުރަ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.

ޕީއެންސީ ކޮންގްރެސްގެ ރަސްމީ ބައްދަލުވުން ފެށުން އޮތީ މިރޭ އެވެ. 

ކޮންގްރެސްގެ ތެރެއިން ޕާޓީގެ ގުނަވަންތަކަށް މެންބަރުން އިންތިހާބު ކުރުމުގެ އިތުރުން ނައިބު ރައީސުން އިންތިހާބު ކުރުން އޮންނާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.