އަންވަރަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް މާދަމާ ހެނދުނު ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިރޭ ރާއްޖެއަށް ވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޮޑުވަޒީރު އަންވަރަށް މަރުހަބާ ދެންނެވީ، ރައީސް މުއިއްޒު އެވެ.
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދައުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަގާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އަންވަރަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް މާދަމާ ހެނދުނު ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެ ފަހުން، މެލޭޝިއާގެ ބޮޑުވަޒީރު ރައީސް މުއިއްޒު އާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ އެވެ.
މި ވާހަކަފުޅުތަކުގައި ދެގައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އާ ދޮރުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
މީގެއިތުރުން، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ބޮޑުވަޒީރުގެ އަރިހަށް ވަކިވަކިން އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރައްވާނެ އެވެ.
ދެ ދުވަހުގެ މި ދަތުރުފުޅަށްފަހު، އަންވަރު ފުރާވަޑައިގަންނަވާނީ މާދަމާ މެންދުރުފަހު އެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 58 އަހަރު ފުރިފައިވާއިރު، ދެ ޤައުމުގެ ދެމެދުގައި އަދި ދެޤައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި، މަތީ ފަންތީގެ ބައްދަލުވުންތަކުގެ އިތުރުން ތަރައްޤީގެ އެކި ދާއިރާތަކުން ދެމިގެންވާ ގާތް ރަޙްމަތްތެރިކަމެއް ވަނީ ގާއިމުކުރެވިފަ އެވެ.