އީ-ކޮމާސް ލިމިޓާއެކު މިހާރު ސިކުންތަކު 70 އަށްވުރެ ގިނަ މުއާމަލާތް ކުރޭ

ސައީދު ވިދާޅުވީ މި ބަދަލާއެކު ގިނަ ކަސްޓަމަރުން ތިބެނީ ގަންނަން ބޭނުންވާ ތަކެތި އޮންލައިން ކާޓަށް އަޅައިގެން ތައްޔާރަށް. މީގެ ސަބަބުން ލިމިޓް ރީސެޓްވާތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ލިިމިޓް ހުސްވެ އެވެ.

ބީއެމްއެލްގެ މައި ބްރާންޗް --ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އީ-ކޮމާސް ލިމިޓް ކޮންމެ ދުވަހެއްގެ ހެނދުނު 7:00 ގައި ރީސެޓްވުމާއެކު، ސިކުންތެއްގެ ތެރޭގައި 70 އަށްވުރެ ގިނަ މުއާމަލާތް ހިނގަމުންދާކަމަށް ބޭންކުގެ ސްޕޯސް ޕާސަން މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ބީއެމްއެލްއިން އަލަށް ދޫކުރި ލިމިޓާ ބެހޭ ގޮތުން ބީއެމްއެލް ސްޕޯސް ޕާސަން ސައީދު ވިދާޅުވީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އީ-ކޮމާސް ޕްލެޓްފޯމްތައް ކަމަށްވާ ޓީމޫ އާއި އަލީބާބާ އެޕަލް އަދި އެމެޒޯން ފަދަ ސައިޓްތަކަށް ވަރަށް ބޮޑު ޑިމާންޑެއް އޮވެ އެވެ.

"ލިމިޓް ރީސެޓްވާ ގަޑި ބޭންކުން ހާމަކުރުމާ ގުޅިގެން، ގިނަ ކަސްޓަމަރުން ތިބެނީ ގަންނަން ބޭނުންވާ ތަކެތި އޮންލައިން ކާޓަށް އަޅައިގެން ތައްޔާރަށް. މީގެ ސަބަބުން ލިމިޓް ރީސެޓްވާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ބޮޑު ޑިމާންޑެއް އޮންނަ ސައިޓުތަކަށް ދުވާލަކަށް ކަނޑައެޅިފައިވާ ބަޖެޓް ހަމަވެގެންދޭ،" ސައީދު ވިދާޅުވި އެވެ. 

ތަފާސްހިސާބުތައް ދައްކާގޮތުން ބީއެމްއެލްގެ ކާޑުތައް މެދުވެރިކޮށް ދުނިޔޭގެ 40،000 އަށްވުރެ ގިނަ އީ-ކޮމާސް ސައިޓްތަކުން ވިޔަފާރިކުރާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 20،000 އަށްވުރެ ގިނަ މުއާމަލާތް މިހާރުވެސް ދަނީ ހިންގަމުންނެވެ. ލިމިޓް ހަމަވުމުގެ ސަބަބުން މުއާމަލާތް ނުކުރެވޭ ހާލަތްތަކުގައި، އެކަން ކަސްޓަމަރަށް ވަގުތުން އަންގައި، ޑޮލަރު ކާޑެއް ބޭނުންކުރުމަށް ނުވަތަ ޖެހިގެން އަންނަ ދުވަހު އަލުން މަސައްކަތްކުރުމަށް ބޭންކުން އިރުޝާދު ދެއެވެ.

ސައީދު ވިދާޅުވީ ދުވާލަކަށް ވަކި މިންވަރެއް ކަނޑައަޅަން ޖެހުނީ ޑޮލަރަށް އޮތް ބޮޑު ޑިމާންޑާ ގުޅިގެން، ބޭންކުގެ ފޮރިން ކަރަންސީ ލިކިއުޑިޓީ ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖްކުރުމަށެވެ. އަދި މިއީ ކަސްޓަމަރުންނަށް ދުރާލައި ކަންކަން ރޭވުމަށް މަގު ފަހިވާނޭހެން، ދެ ފުށް ފެންނަ ހަރުދަނާ އުސޫލެއްގެ ދަށުން އެކުލަވާލާފައިވާ ލިމިޓްތަކެއް ކަމަށެވެ. 

މި އުސޫލުގެ ދަށުން ރުފިޔާ ކާޑުތަކުން ބައިނަލްއަގުވާމީ އީ-ކޮމާސް ވިޔަފާރިތަކަށް މަހަކު ޖުމްލަ 16 މިލިއަން ޑޮލަރު ވަނީ ކަނޑައަޅާފަ އެވެ. 

  • އެންމެ ގިނައިން ބޭނުންކުރާ 150 ސައިޓަށް - މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް ގާތްގަނޑަކަށް 100,000 ޑޮލަރު)
  • ދަތުރުފަތުރާއި ހޮޓެލް ބުކިން - މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކަށް ގާތްގަނޑަކަށް 200,000 ޑޮލަރު)
  • ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި މުހިންމު ޚިދުމަތްތައް - މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް ގާތްގަނޑަކަށް 100,000 ޑޮލަރު)
  • ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް - މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކަށް ގާތްގަނޑަކަށް 50,000 ޑޮލަރު)
  • އެހެނިހެން އޮންލައިން ވިޔަފާރިތަކަށް - މަހަކު 1.8 މިލިއަން ޑޮލަރު (ދުވާލަކަށް ގާތްގަނޑަކަށް 60,000 ޑޮލަރު)
  • ސިއްހަތާއި ތައުލީމީ ޚިދުމަތްތައް - އެއްވެސް ލިމިޓެއް ނެތި، ހުރިހާ ވަގުތެއްގައިވެސް ފައިސާ ދެއްކޭނެ.

ބޭންކުން ފާހަގަކުރާ ގޮތުގައި ދަތުރުފަތުރާއި ޒަރޫރީ ސަބްސްކްރިޕްޝަން ފަދަ ކެޓަގަރީތަކުގެ ލިމިޓް، ދުވަސް ނިމޭއިރުވެސް ބާކީ ހުރެއެވެ. މިއީ އާންމު ދިރިއުޅުމުގެ މުހިންމު ބޭނުންތަކަށް ދުވަހުގެ ހުރިހާ ވަގުތެއްގައި ވެސް ކަސްޓަމަރުންނަށް ފަސޭހައިން ލިމިޓް ލިބިގެންދާނެ ކަމެކެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި ބޭރުގައި ކިޔަވާ އަދި ދިރިއުޅޭ ދިވެހިންނަށް ކާޑު ލިމިޓް ބޭނުންކުރުމުގައި އެއްވެސް ދަތިކަމެއް ކުރިމައްޗެއް ނުވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.