ބޮޑު އަދަދުން ޓީޓީ ހަދާ ފަރާތްތަކުން ނުހަމަ ގޮތްގޮތަށް ބޭރަށް ޑޮލަރު ފޮނުވާކަން ހާމަވީ ވުޒާރާތަކުން ގުޅިގެން ފެށި މަސައްކަތުންނެވެ. މިގޮތުން ޑްރަގު ވިޔަފާރިއަށް ފައިސާ ދެއްކުމާއި ބިދޭސީން ޑޮލަރު ބޭރުކުރާކަން ވަނީ ހާމަވެފަ އެވެ.

ޓީޓީ މެދުވެރިކޮށް ޑްރަގް ވިޔަފާރިއާއި ބިދޭސީން ފައިސާ ބޭރަށް ފޮނުވާކަން އެނގިފައިވާ ކަމަަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭން އެކިގޮތްތަކަށް ޓީޓީ މެދުވެރިކޮށް ޑޮލަރު ބޭރުވުން ހުއްޓުވަން ކަސްޓަމްސް އާއި އިމިގްރޭޝަން އަދި ފުލުހުންނާއި އެމްއެމްއޭއިން ފެށި މަސައްކަތާ ބެހޭ ގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ކެޕްޓަން އަލީ އިހުސާން ވިދާޅުވީ ބޮޑު އަދަދުން ޓީޓީ ހަދާ ފަރާތްތަކުން ނުހަމަ ގޮތްގޮތަށް ބޭރަށް ޑޮލަރު ފޮނުވާކަން ހާމަވެފައިވާ ކަމަށެވެ.
މީގެ ތަފުސީލް ދެއްވަމުން އިހުސާން ވިދާޅުވީ ކަސްޓަމްސް އާއި ގުޅިގެން ފަށާފައިވާ މަސައްކަތުގެ ދަށުން ޓީޓީ ހެދުމަށްފަހު ރާއްޖެއަށް މުދާ ނާންނަކަން ވަނީ ހާމަވެފަ އެވެ.
"ބައެއް ފަހަރު އެބަހުރި ލިބިފައިވާ މުދަލަށް ބާކީ ފޮނުވަން ޖެހޭ ޓީޓީއޭ ބުނެ ހަދާފަ އެކަމަކު މުދަލެއް ނާދެ. އަހަރު ވެގެންދާއިރުވެސް އެ މުދަލެއް ނުލިބެ. މިއަށް ކިޔަނީ ޓްރޭޑް ބޭސްޑް މަނީ ލޯންޑަރިން. މީގަ ފާހަގަ ކުރެވޭ ޑްރަގް ވިޔަފާރި އާއި ބިދޭސީންގެ މުސާރަ ބޭރަށް ފޮނުވަން ޓީޓީ ބޭނުންކުރާކަން،" އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ފަށާފައިވާ މަސައްކަތުން "އިތުރު ލީކްއޭޖު" ތަކެއް ދަނީ ފެންނަމުންނެވެ. މިގޮތުން ފައިސާ މާރުކުރަން ބޭންކް ތަކާއި އެކްސްޗޭންޖް ތަންތަން ނޫން ގޮތްގޮތަށް ޑޮލަރު ވިއްކާނަން ވަނީ އެނގިފަ އެވެ. މިއީ ގާނޫނާ ހިލާފުކަމެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ބިދޭސީން މެދުވެރިކޮށް ޑޮލަރު މާރުކުރުމުގެ ވިޔަފާރި ކުރަން ދިވެހިން އަޑީގަ ތިބެގެން ގިނަ މަސައްކަތްތަކެއް ކުރާކަން ވެސް ވަނީ އެނގިފަ އެވެ. އަދި ގަވައިދާ އެއްގޮތަށް ބިދޭސީން އެތެރެކޮށް ދޫކޮށްލާކަން ވެސް އެނގެމުންދާ ކަމަށާ މިފަދަ ބިދޭސީން ގެންނަ ދިވެހި މީހާއަށް ފިޔަވަޅު އަޅާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. މިފަދަ މައްސަލަތައް ބަލައި ދިވެހި މީހާ އަށް ފިޔަވަޅު އެޅޭނެ ގާނޫނީ ބާރު މިހާރު ލިބިފައިވާކަމަށް މިނިސްޓަރި ވިދާޅުވި އެވެ.
"ކަންމަތީ ފިހާރަތަކަކީ ޑޮލަރު މާރުކުރާ ތަންތަންތަނުގެ ގޮތުގައި އެބަހަދާ. މުސާރަ ލިބުނީމަ އެބަ ޖަމާކުރެވޭ ދިވެހި ވިޔަފާރީގެ އެކައުންޓަށް. އޭގެން ޑޮލަރު ކޮންމެ ދުވަހަކު ނަގަމުން ކޮންވާޓް އެބަކުރޭ. އެ [ޑޮލަރު] ސްމަގްލަކޮށްފެން ބޭރަށް ގެންދަނިކޮށް އެބަ އަތުލެވޭ. އެފަދަ ގިނަ ޖިނާއީ ކުށްތަކަށް އެބަ އަރައިގަނޭ،" އިހުސާން ވިދާޅުވި އެވެ.
ރާއްޖޭގެ ޑޮލަރުގެ ކަޅުބާޒާރުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން ވަނީ 12 ބިދޭސީން ހައްޔަރުކޮށްފަ އެވެ. މީގެތެރެއިން ގިނަ މީހުންގެ އެކައުންޓުގައި މިލިއަނުން ފައިސާ ރޯލްކުރާކަން ވަނީ ހާމަވެފަ އެވެ.