މުސްތަގުބަލުގައި ގައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރުމަށް ޒުވާން ހަތީބުން މަސައްކަތް ކުރަން ޖެހޭ: ރައީސް

"ޒުވާން ހަތީބުންނަކީ، ދިވެހީންގެ އިސްލާމީ އަހުލާގަށް އާރޯކަންދޭނެ މުރައްބީންތަކެއް. ޒުވާން ހަތީބުންނަކީ މުސްތަގުބަލުގައި ދިވެހި ގައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރާނެ ހެޔޮލަފާ އެދުރުންތަކެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދަމަހައްޓައި، މުސްތަގުބަލުގައި ގައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރުމުގައި ޒުވާން ހަތީބުން އަމަލީ ގޮތުން ނަމޫނާ ދައްކައި، ދުލުން ދޭ ނަސޭހަތާއި އަމަލީ ސުލޫކު އެއްގޮތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާ ގުޅިގެން ކުރިއަށްގެންދިޔަ ޒުވާން ހަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހަތީބުންނަކީ މީހުންނަށް މަގުދައްކައިދޭ ބައެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ އުންމީދަކީ، މިއަދުގެ ޒުވާން ހަތީބުންގެ ސަފުތައް މުސްތަގުބަލުގައި ރާއްޖޭގެ އިލްމުވެރިންނަށްވުން ކަމަށެވެ.

"އަޅުގަނޑު އެދެނީ، ތިޔަ ޒުވާން ހަތީބުންނަކީ، މާދަމާ ރާއްޖޭގެ ވިސްނުންތެރީންނަށްވުން. އަޅުގަނޑު އެދެނީ ތިޔަ ޒުވާން ހަތީބުންނަކީ މާދަމާ ރާއްޖޭގެ ހިކުމަތްތެރީންނަށް ވުން. އަދި ކުޅަދާނަ ބަސް މޮށުންތެރީންނަށް ވުން. މުޖުތަމައުގެ ސިކުނޑި އީމާންކަމުގެ ނޫރުން އުޖާލާކުރުމުގައި ތިޔަކުދީންގެ ޒުވާންކަމުގެ އުޖާލާ ދޯދިތައް އިންތިހާއަށް މުހިންމުވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފޮތަކުން ދަސްވާ އެއްޗެއް، އެ ދަސްވަނީ އޭގެ އެންމެ ފުން މިނުގައިކަމަށް ނުވެދާނެ ކަމަށާއި، އެ ކަމަށް އެ ނޫން އެތައް އިލްމެއްގެ އެހީ ބޭނުންވެދާނެ ކަމަށެވެ. އަދި އެ އިލްމު ބަޔަކަށް ފޯރުވައިދިނުމުގައި ތިމާގެ ދުލާއި ގަލަން ހިންގަން ޖެހޭ ހާލަތާއި ހިންގަން ނުޖެހޭ ހާލަތު ވެސް ހުންނާނެ ކަމަށެވެ. އެހެންކަމުން ހަތީބުން އެކަންކަމަށް ފަރުވާތެރިކަން ބަހައްޓަން ރައީސް އިލްތިމާސް ކުރެއްވި އެވެ.

"ޒުވާން ހަތީބުންނަކީ މުޅި ރާއްޖޭގެ އިސްލާމީ ވެށްޓަށް އަލިކަންދޭނޭ ދަންމަރުތަކެއް. ޒުވާން ހަތީބުންނަކީ، ދިވެހީންގެ އިސްލާމީ އަހުލާގަށް އާރޯކަންދޭނެ މުރައްބީންތަކެއް. ޒުވާން ހަތީބުންނަކީ މުސްތަގުބަލުގައި ދިވެހި ގައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރާނެ ހެޔޮލަފާ އެދުރުންތަކެއް،" ރައީސް ވިދާޅުވި އެވެ. 

އެމަނިކުފާނު ވަނީ މި ބިޔަ މަސްއޫލިއްޔަތާ އެ ޒުވާނުން ހަވާލުވުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި މި ކަމުގައި އަމަލީ ގޮތުން ނަމޫނާ ޝަހުސިއްޔަތަކަށް ޒުވާން ކޮންމެ ހަތީބަކުވުމަށް ތަކުރާރުކޮށް އިލްތިމާސް ކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.