އެމްއެމްއޭގެ ބޭރު ފައިސާގެ އެސެޓް އިތުރުވެ، ދިވެހި ފައިސާގެ އެސެޓްތައް ދަށަށް

މި ބަދަލު އައުމުން ދައްކުވައި ދެނީ އެމްއެމްއޭގެ އަތުގައި ހުރި ޑޮލަރު ނުވަތަ އެހެނިހެން ބޭރު ފައިސާގެ މިންވަރު އިތުރުވެފައިވާކަމެވެ.

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ

މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޭރު ފައިސާގެ މާލީ އެސެޓްތަކަށް ގާތްގަނޑަކަށް 128 މިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބިފައިވާއިރު، މަރުކަޒީ ބޭންކުގެ ދިވެހި ފައިސާގެ އެސެޓްތައް ދަށަށް ހިނގައްޖެ އެވެ.  

އެމްއެމްއޭއިން އާންމުކޮށްފައިވާ މި އަހަރުގެ އޮގަސްޓު މަހުގެ "ސްޓޭޓްމަންޓް އޮފް ފައިނޭންޝަލް ޕޮޒިޝަން" ދައްކާގޮތުން، ޖުލައި މަހުގެ ނިޔަލަށް 31.08 ބިލިއަން ރުފިޔާގައި ހުރި މަރުކަޒީ ބޭންކުގެ ޖުމްލަ އެސެޓް ވަނީ އޮގަސްޓު މަހުގެ ނިޔަލަށް 31.18 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 97.4 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.  

މި މުއްދަތުގެ ތެރޭގައި އެމްއެމްއޭގެ ބޭރު ފައިސާގެ މާލީ އެސެޓް ވަނީ 12 ބިލިއަން ރުފިޔާއިން 12.13 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ނަމަވެސް، ދިވެހި ފައިސާގެ މާލީ އެސެޓް ވަނީ 18.19 ބިލިއަން ރުފިޔާއިން 18.17 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. ހަމައެއާއެކު، ދިވެހި ފައިސާގެ މާލީ ނޫން އެސެޓްތަކުގެ އަގު ވެސް ވަނީ 8.3 މިލިއަން ރުފިޔާ އިން ދަށްވެފައެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ "އެހެނިހެން އެސެޓްތަކުގެ" ގޮތުގައި ހިމެނޭ ބައިން އައިސްފައިވާ 8.2 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.  

މި ބަދަލު އައުމުން ދައްކުވައި ދެނީ އެމްއެމްއޭގެ އަތުގައި ހުރި ޑޮލަރު ނުވަތަ އެހެނިހެން ބޭރު ފައިސާގެ މިންވަރު އިތުރުވެފައިވާކަމެވެ. ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް މިއީ ވަރަށް ފައިދާހުރި ކަމެކެވެ. މީގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށާއި، ރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރުމަށް ފައިސާ ދެއްކުމަށާއި، އަދި ބޭރުގެ ދަރަނި ދެއްކުމަށް މަރުކަޒީ ބޭންކަށް ފަސޭހަވެގެންދާނެ  އެވެ. އަނެއް ސަބަބަކީ ސަރުކާރުން މަރުކަޒީ ބޭންކަށް އޮންނަ ބަރޯސާ ކުޑަވުމެވެ. 

ދިވެހި ފައިސާގެ އެސެޓްތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ސަރުކާރަށް ވިއްކާފައިވާ ޓީ-ބިލް، ޓީ-ބޮންޑު އަދި ދޫކޮށްފައިވާ ލޯނު ފަދަ ތަކެއްޗެވެ. މި އެސެޓްތައް ދަށަށް ދިއުމުން އާންމުގޮތެއްގައި ދައްކައިދެނީ، ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ފައިސާ ޗާޕުކުރުން ނުވަތަ ދަރަނި ނެގުން މަދުކޮށްފައިވާކަން، ނުވަތަ ކުރިން ނަގާފައިވާ ދަރަނި އަނބުރާ ދައްކަމުންދާކަމެވެ. މިއީ ދައުލަތުގެ މާލީ ހާލަތު ރަނގަޅު މިސްރާބަކަށް ދާކަން އަންގައިދޭ ކަމެކެވެ. މަރުކަޒީ ބޭންކުގެ ދިވެހި ފައިސާގެ އެސެޓްތައް ދަށްވުމަކީ އިގްތިސޯދުގައި ދައުރުވާ ދިވެހި ފައިސާގެ މިންވަރު (މަނީ ސަޕްލައި) މަދުވުމަށް މަގު ފަހިވާނެ ކަމެކެވެ. މާކެޓުގައި ހުންނަ ދިވެހި ފައިސާ ގިނަވުމަކީ މުދަލާއި ޚިދުމަތުގެ އަގުތައް އުފުލުމަށް (އިންފްލޭޝަން މައްޗަށް ދިއުމަށް) މެދުވެރިވާ ސަބަބަކަށް ވާއިރު، މި އެސެޓްތައް ދަށްވުމަކީ އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.