ދުނިޔޭގެ މަސްރަހުގައި ނުފޫޒުގެ އާ ތަރުތީބެއް ބިނާކުރުމަށް ހުރިހާ މެންބަރު ގައުމުތަކުން އިއްތިފާގުވި ނަމަވެސް، އެ ނިޒާމު އަމަލީގޮތުން ބައްޓަންކުރާނެ ގޮތްތަކާމެދު އެއްބަސްވުމަކަށް އައުމަކީ ކުރިއަށް އޮތްތަނުގައިވެސް ބޮޑު ގޮންޖެހުމަކަށް ވާނެ.
މި ހަފުތާ ބަންދުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވުނު ބްރިކްސް ސަމިޓުގައި ދުނިޔޭގެ އެންމެ ބާރުގަދަ އަދި ނުފޫޒުގަދަ ގައުމުތަކުގެ ލީޑަރުން އެއް މޭޒުދޮށަކަށް އެއްވެ، ބައިނަލްއަގުވާމީ ސިޔާސީ އަދި އިގްތިސާދީ ނިޒާމަށް ގެންނަންވީ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވައިފަ އެވެ.
މި ބައްދަލުވުން އިފްތިތާޙުކޮށްދެއްވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، ދުނިޔޭގެ މަސްރަހުގައި ކަނޑައެޅިފައިވާ ތަރުތީބަށް ހަމައެކަނި ތަބާވާ ބައެއްގެ ގޮތުގައި ތިބުމުގެ ބަދަލުގައި، މެންބަރު ގައުމުތަކަކީ އާ ސިޔާސަތުތައް އެކުލަވާލުމުގައި އިސްނަގާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.
މި ސަމިޓުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް، ރަޝިއާގެ ރައީސް ވްލަދިމީރު ޕުޓިން، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން، އަބޫދާބީގެ ވަލީއަހުދު ޝައިޚް ޚާލިދު ބިން މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އަދި ދެކުނު އެފްރިކާގެ ރައީސް ސިރިލް ރާމަފޯސާ ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބޭފުޅުންގެ މެދުގައި ސަރަހައްދީ އަދި އަސްކަރީ ގޮތުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރިކަން ފާހަގަކުރެވުނެވެ.
އެގޮތުން 2020 ވަނަ އަހަރު އިންޑިއާ-ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކާއި، މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއިން އީރާނާއި ޔޫއޭއީގެ މެދުގައި އޮތް ނުތަނަވަސްކަން ހިމެނެ އެވެ.
ނަމަވެސް، މިފަދަ ހިލާފުތަކާ އެކުވެސް މި ހުރިހާ ލީޑަރުން އެއްތަނަކަށް ޖަމާކުރެވުމަކީ އިންޑިއާގެ ޑިޕްލޮމެޓިކް ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ޗައިނާ، ރަޝިއާ އަދި އީރާނުން ބްރިކްސް ބޭނުންކުރަނީ ހުޅަނގުގެ ބާރުތަކުގެ ނުފޫޒު ކުޑަކުރުމުގެ ވަސީލަތެއްގެ ގޮތުގައި ކަމަށް ބެލެވުނު ނަމަވެސް، އިންޑިއާއިން ވަނީ މިއީ ވަކި ބަޔަކާ ދެކޮޅު އިއްތިހާދެއްގެ ގޮތުގައި ސިފަކުރުމާ ދެކޮޅުހަދައިފަ އެވެ.
ބޮޑުވަޒީރު މޯދީ ވިދާޅުވި ގޮތުގައި މިއީ ވަކި ފަރާތަކާ އިދިކޮޅަށް އުފައްދާފައިވާ އިއްތިހާދެއް ނޫނެވެ.
އިންޑިއާގެ ކުރީގެ ޑިޕްލޮމެޓުން ފާހަގަކުރާ ގޮތުގައި، އިންޑިއާގެ އަމާޒަކީ މިފަދަ ދަނޑިވަޅެއްގައި ގައުމީ މިނިވަންކަން ދަމަހައްޓައި، ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް ފުޅާކުރުމެވެ.
ސަމިޓުގެ ފުރަތަމަ ދުވަހު "ނިއު ދިއްލީ ޑިކްލަރޭޝަން" ފާސްކުރެވުނު ނަމަވެސް، އެ ބަޔާނުގައި ހިޔާލުތަފާތުވުން ބޮޑު މައްސަލަތަކަށް ސީދާ ގޮތެއްގައި ބަހުސްކޮށްފައެއް ނުވެ އެވެ.
އެގޮތުން މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ވިސްނުންތެރިކަން އިސްކުރުމަށާއި، ފަލަސްތީނާއި އިޒްރޭލުގެ ދެ ދައުލަތް ގާއިމުކުރުމުގެ ހައްލަށް ތާއީދުކޮށް، ފަލަސްޔީނުގެ ރައްޔިތުން ގަދަކަމުން ބޭރުކުރުމާ ދެކޮޅަށް ވަކާލާތުކޮށްފައިވީ ނަމަވެސް، ސީދާ އިސްރޭލާ ދިމާއަށް އިނގިލި ދިއްކޮށްފައެއް ނުވެ އެވެ.
މީގެއިތުރުން ޔޫކްރެއިން ހަނގުރާމައިގެ ވާހަކަ މި ބަޔާނުގައި ހިމަނާފައެއް ނުވެ އެވެ. އަދި ބައިނަލްއަގުވާމީ ވިޔަފާރީގައި ޓެރިފް ބޮޑުކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތަކާ މެދު ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އެމެރިކާގެ ނަން ސީދާ ބޭނުންކޮށްފައެއް ނުވެ އެވެ.
މި ސަމިޓުގެ ހަވާސާގައި، އީރާނުގެ ރައީސް ޕެޒެޝްކިއާން އާއި އަބޫދާބީގެ ވަލީއަހުދު ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވަވާފަ އެވެ. މިއީ މެދުއިރުމަތީގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވި ފަހުން މި ދެ ގައުމުގެ ދެމެދުގައި ބޭއްވުނު އެންމެ މަތީ ފަންތީގެ މަޝްވަރާ އެވެ. ހަމައެއާއެކު، އެމެރިކާއާއި އިޒްރޭލުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލަމުންދާ އީރާނުން ވަނީ އިންޑިއާ، މެލޭޝިއާ އަދި އިތިއޯޕިއާއެކު އިގްތިސާދީ ގުޅުންތައް ހަރުދަނާކުރުމަށް ބާރުއަޅައިފަ އެވެ.
ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިންޑިއާއަށް ވަޑައިގެންނެވި ޗައިނާގެ ރައީސް ޝީ ޖިންޕިންގް، ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުންތައް އައު ހަރުފަތަކަށް ގެންދިއުމަށް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
މި ސަމިޓުން ހާމަވެގެންދިޔައީ ހުޅަނގުގެ ނުފޫޒުން ބޭރުގައި ސިޔާސީ އަދި ޑިޕްލޮމެޓިކް މުހިންމު މަޝްވަރާތައް ކުރިއަށްގެންދިއުމުގެ ގާބިލުކަން ބްރިކްސްގައި އެބައޮތް ކަމެވެ.
ނަމަވެސް، ދުނިޔޭގެ މަސްރަހުގައި ނުފޫޒުގެ އާ ތަރުތީބެއް ބިނާކުރުމަށް ހުރިހާ މެންބަރު ގައުމުތަކުން އިއްތިފާގުވި ނަމަވެސް، އެ ނިޒާމު އަމަލީގޮތުން ބައްޓަންކުރާނެ ގޮތްތަކާމެދު އެއްބަސްވުމަކަށް އައުމަކީ ކުރިއަށް އޮތްތަނުގައިވެސް ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ.