ސަޢުދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ކުންފުނީގެ ފައިނޭންސްގެ ދަށުން އެ ކުންފުންޏާ ހަވާލުކޮށްގެން އިމާރާތްކުރާ މި މިސްކިތުގެ މައި ހޯލުގައި އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެ އެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާ ދިމާކޮށް، ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ގެ ބިންގާ މިއަދު އަޅައިފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ބިޔަ މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި އިސްލާމީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލް-ޤަހްތާނީގެ އިތުރުން ހައުސިންގ ޑިވެލެޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
"ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރު" ގެ ނަމުގައި ތަރައްޤީކުރާ މި މަރުކަޒަކީ ހަމައެކަނި ނަމާދުކުރާ ތަނެއްގެ ބަދަލުގައި އިސްލާމީ ތަޢުލީމާއި ސަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކަކާއެކު ފަރުމާކޮށްފައިވާ ބިނާއެކެވެ. ސަޢުދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ކުންފުނީގެ ފައިނޭންސްގެ ދަށުން އެ ކުންފުންޏާ ހަވާލުކޮށްގެން އިމާރާތްކުރާ މި މިސްކިތުގެ މައި ހޯލުގައި އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެ އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސިފަކުރައްވާ ގޮތުގައި މިއީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީޚާއި ފަރުމާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދޭނެ ބިނާއެކެވެ. ސަރުކާރުން ގަބޫލުކުރައްވާ ގޮތުގައި މި ބިނާ ވެގެންދާނީ އަންނަން އޮތް ޖީލުތަކަށް އީމާންކަމާއި ޢިލްމު ވާސިލުކޮށްދީ، ހުޅުމާލޭގެ ރައްޔިތުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިސްލާމީ ތަރުބިއްޔަތާއި ސަޤާފަތް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ އަގުހުރި ތަރިކައަކަށެވެ.