ބީއެމްއެލްގެ އާންމު އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިން އުސޫލަށް

މިއީ ބޭންކުގެ "އިސްލާމިކް ފައިނޭންސް ފަސްޓް" ޕޮލިސީގެ ދަށުން ރާއްޖޭގެ ބޭންކިންގ ދާއިރާއަށް ގެނައި ވަރަށް ބޮޑު ބަދަލެކެވެ.

ބީއެމްއެލްއިން ބެހެއްޓި އޭޓީއެމްތައް -- ފޮޓޯ :ބީއެމްއެލް

ރާއްޖޭގެ އިސްލާމިކް ފައިނޭންސް ފުޅާކުރުމަށް އަމާޒުހިފައި މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމު ފަރުދުން އަލަށް ހުޅުވާ ހުރިހާ އެކައުންޓްތަކާއި އެދި ހުށަހަޅާ ޕާސަނަލް ލޯނުތައް އިސްލާމިކް ބޭންކިން އުސޫލުން ދޫކުރަން އެ ބޭންކުން ނިންމައިފިއެވެ.

މިއީ ބޭންކުގެ "އިސްލާމިކް ފައިނޭންސް ފަސްޓް" ޕޮލިސީގެ ދަށުން ރާއްޖޭގެ ބޭންކިންގ ދާއިރާއަށް ގެނައި ވަރަށް ބޮޑު ބަދަލެކެވެ. ބީއެމްއެލް އިން ބުނި ގޮތުގައި، މި ބަދަލާއެކު އާ ޚިދުމަތްތައް އިސްލާމިކް އުސޫލުން ފޯރުކޮށްދިން ނަމަވެސް، ކަސްޓަމަރަކު ބޭނުންވެއްޖެ ހާލަތެއްގައި ކޮންވެންޝަނަލް ބޭންކިންގ ޚިދުމަތްވެސް ކުރިއެކޭ އެއްގޮތަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެއެވެ. މީގެ އިތުރުން، މިހާރު ހުޅުވާފައިވާ އެކައުންޓްތަކާއި ނަގާފައިވާ ލޯނުތައްވެސް ޝަރުޢީ ހަމަތަކާ އެއްގޮތް ޚިދުމަތްތަކަށް ވަރަށް ފަސޭހައިން ބަދަލުކުރެވޭނެ މަގުވެސް މިހާރު ވަނީ ފަހިކޮށްދީފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ރާއްޖޭގެ ބޭންކިންގ ދާއިރާގެ މުސްތަގުބަލު ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި 2015 ވަނަ އަހަރު އިސްލާމިކް ބޭންކިންގ ތައާރަފުކުރި ފަހުން ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މި ޚިދުމަތަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ބޭންކުގެ މަގްސަދަކީ ކަސްޓަމަރުންނަށް ޝަރުއީ ހަމަތަކަށް ފެތޭ ފުރިހަމަ މާލީ ޚިދުމަތްތައް ފޯރުކޮށްދީ، މުޖުތަމައުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޚިދުމަތްތަކަށް ބަދަލު ގެނައުން،" ޝަރީފު ވިދާޅުވިއެވެ.

ބީއެމްއެލްއިން އިސްލާމިކް ބޭންކިން ޚިދުމަތް ދެމުން އަންނަނީ ކޮންވެންޝަނަލް ބޭންކިންގ ފަންޑުތަކާ މުޅީން ވަކިކޮށް، ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށެވެ. އެގޮތުން މިދިޔަ އަހަރުތެރޭގައި އަތޮޅުތެރޭގައި ހުރި ބޭންކުގެ ހުރިހާ ބްރާންޗެއް ވަނީ އިސްލާމިކް ބޭންކިންގ ބްރާންޗް ތަކަކަށް ބަދަލުކޮށްފައެވެ. ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ބޭންކިންގ ޚިދުމަތްދޭ ބޭންކުގެ ހައިސިއްޔަތުން، ޝަރީއާ ހަމަތަކަށް ފެތޭ އެކައުންޓްތަކާއި ފައިނޭންސިންގ ޚިދުމަތްތަކުގެ އިތުރުން، ރާއްޖޭގައި މިވަގުތު ދޫކުރާ ހަމައެކަނި އިސްލާމިކް ކްރެޑިޓް ކާޑުވެސް ދޫކުރަމުން އަންނަނީ ބީއެމްއެލްއިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.