ޔޫކްރޭންގެ ނޫސްތަކުގައިވާ ގޮތުން ކަޅު ކަނޑުގައި (ބްލެކް ސީ) ހިނގި ކުރިމަތިލުމެއްގައި ޔޫކްރެއިނުގެ ކަނޑުގެ ސިފައިންގެ ޑްރޯނަކުން ރަޝިޔާގެ އުޅަނދަކަށް ހަމަލާދީ ގޮއްވާލާފަ އެވެ.

ރަޝިއާ އާއި ޔޫކްރޭންގެ ޑްރޯން ބޯޓުތައް ބޭނުންކޮށްގެން ކަޅުކަނޑުގައި ރޮބަޓް ޑްރޯން ބޯޓުގެ ހަނގުރާމަ ގަދައަށް ފަަށައިފި އެވެ.
ޔޫކްރޭންގެ ނޫސްތަކުގައިވާ ގޮތުން ކަޅު ކަނޑުގައި (ބްލެކް ސީ) ހިނގި ކުރިމަތިލުމެއްގައި ޔޫކްރެއިނުގެ ކަނޑުގެ ސިފައިންގެ ޑްރޯނަކުން ރަޝިޔާގެ އުޅަނދަކަށް ހަމަލާދީ ގޮއްވާލާފަ އެވެ. ޔޫކްރެއިނުގެ ކަނޑުގެ ސިފައިން ބުނެފައިވާ ގޮތުގައި މިއީ ތާރީޚުގައި ވެސް ކަނޑުމަތީގައި ދެ ޑްރޯންގެ މެދުގައި ހިނގި މިފަދަ ފުރަތަމަ ހަނގުރާމައެވެ.
ޔޫކްރެއިނުން މި ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ "ސަރްގަން 3000" މަރުކާގެ ޑްރޯން ބޯޓެކެވެ. މި ބޯޓުގައި ހަރުކޮށްފައިވާ 12.7 މިލިމީޓަރުގެ ބަޑި އަކުން ރަޝިޔާގެ ޑްރޯން ބޯޓަށް ހަމަލާދީ އެ އުޅަނދު އަޑިއަށް ދުއްވާލާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ޔޫކްރެއިނުގެ ކަނޑުގެ ސިފައިން ވަނީ ޓެލެގްރާމްގައި އާންމުކޮށްފަ އެވެ. މި ހަމަލާއާއެކު ރަޝިޔާގެ އުޅަނދުން ބޯ ދުންތަކެއް އަރައިގެން ދިޔަ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ.
މި ހާދިސާގެ އިތުރުން އެއްގަމުގައި ކުރިއަށްދާ ހަނގުރާމައިގައި ހޮނިހިރު ދުވަހު އެކަނި ވެސް 12 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެ ތެރޭގައި ޔޫކްރެއިނުގެ ކްރަމަޓޯސްކް، ޒިތޯމިއަރ، ޒަޕޮރީޒިއާ އަދި ކްރީވީ ރިހް ސަރަހައްދުން މަރުވި މީހުން ހިމެނެ އެވެ. ހަމައެއާއެކު ރަޝިޔާގެ ބާރުގެ ދަށުގައިވާ ޑޮނެޓްސްކް ސަރަހައްދަށް ޔޫކްރެއިނުން ދިން ހަމަލާތަކެއްގައި 3 މީހުން މަރުވެފައިވާ ކަމަށް ރަޝިޔާ އިން އައްޔަންކޮށްފައިވާ އިދާރާތަކުން ބުނެ އެވެ. މީގެ އިތުރުން، ޔޫކްރެއިން އާއި ޕޮލެންޑް ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޔަހޮޑިން އަވަށަށް ރަޝިޔާގެ ޑްރޯން ހަމަލާއެއް އަރާފައިވާ ކަމަށް ޔޫކްރެއިނުގެ ޚާރިޖީ ވަޒީރު އަންދްރީ ސީބީހާ ވަނީ ވިދާޅުވެފައެވެ.