މާލެ ފަރުތައް "އޮމާން ކޮށްލުމަށް ފަހު" ދެ ބޯޓު އޮޔާ ބްރިޖުގެ އަޑިން ދިޔުމުގެ ތެރޭގައި ސްޓްރަކްޗާގައި ކޫރު އަޅުވައިލި އެވެ. މުޅި ހާދިސާގައި އެތައް އިހުމާލެއް އޮތް އިރު ހާމަވެގެން ދިޔައީ ބޯޑަ ސެކިއުރިޓީގައި ހުރި ބާގަނޑުތަކެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދެ ތެޔޮ ބޯޓެއް މާލެ ފަރާއި ސިނަމާލެ ބްރިޖަށް އުރުނު ހާދިސާ އަކީ "އޮޔާ" ދޫކޮށްލެވޭ ވަރުގެ ކުޑަ ކަމެއް ނޫނެވެ.
ދައުލަތާއި ސަލާމަތީ ހިދުމަތް ދޭ އެއްވެސް ފަރާތަކަށް އެނގުމެއް ނެތި މާލެ ސަރަހައްދަށް ވަތް ހިސާބުން ފެށިގެން ސިނަމާލެ ބްރިޖުގެ ވަރުގަދަ ސުޕަސްޓްރަކްޗާގައި ކޫރުން ވެސް އަޅުވައިލުމާ ހަމައަށް ހާދިސާ ވަށައިގެން އޮތީ ހުސް ސުވާލު އުފެދޭ ކަންކަމެވެ. ދައުލަތުގެ ސަލާމަތީ ނިޒާމުތަކުގައި ހުރި ބޮޑެތި ބާގަނޑުތައް ހާމަވެގެން ގޮސްފި އެވެ. ބްރިޖު އެޅިތާ ހަތް އަހަރު ފާހަގަކޮށް ފޮނި ކަނޑައި ކްރެޑިޓުގެ ހާރުތައް އެތައް ބަޔަކު އެޅިނަމަވެސް ރާއްޖޭގެ އެންމެ އަގުބޮޑު ކްރިޓިކަލް އިންފްރާސްޓްރަކްޗާ ހިމާޔާތް ކުރެވޭނެ "މަލްޓި އެޖެންސީ" އޮނިގަނޑެއް ނެތްކަން މިވަނީ ފެންމަތިވެފަ އެވެ.
އޭޕްރިލް 26، 2026 - "އޭއެލް 1" އާއި ޓޯގޯގައި ރަޖިސްޓްރީ ކޮށްފައިވާ "އެމްޓީ ކޭޖީ 1" ނަމަކަށް ދެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނެވެ. އެ ބޯޓުގެ ފަޅުވެރިން ބުނާ ގޮތުން އެ މީހުންގެ މިސްރާބު އަސްލު ހުރީ އޯމާންގެ ޝިނާސް އިން އިންޑީއާގެ ކަންޑްލާއަށެވެ.
މެއި 3، 2026 - ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި އެމްއެންޑީއެފް ފަދަ އެއްވެސް ފަރާތަކަށް އެނގުމެއް ނެތި މާލެ ކައިރީ އެ ބޯޓު އަޅާފައި އޮތްތާ އަށް ވަނަ އަށްވީ ދުވަހު ރާއްޖޭގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެ ކަން އައެވެ.
މެއި 7، 2026 - ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަރީފް (މުންދު) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ ކަމާބެހޭ ފަރާތްތަކަށް އެނގުމެއް ނެތި އެ ދެ ބޯޓު ރާއްޖެ އަށް ވަތް ކަން ކަށަވަރު ކޮށްދެއްވައިފަ އެވެ. މުންދު ވިދާޅުވި ގޮތުގައި އެ ދެ ބޯޓު ރާއްޖެ ސަރަހައްދަށް ވަނީ ފޯލްސް ފްލެގެއްގައި ކަމަށްވާތީ ޑިކްލެއާ ކުރަން އެންގުމުން ރެސްޕޮންޑެއް ނުކުރެ އެވެ. އެހެންވެ އެއީ ކޮން ނިޔަތެއްގައި ކީއްވެ ވަތް ބައެއްތޯ ބަލަން ފުލުހުންނާއި އެމްއެންޑީއެފް އަދި ކަސްޓަމްސް އިން ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުލައި 4، 2026 - ބޯޓުގައި ތިބި ފަޅުވެރިން ކާބޯތަކެއްޗާއި ފެނާއި ތެޔޮ ހުސްވެ، ހާލުގައި ޖެހިފައިވާ ކަމަށް ބުނާ ވީޑިއޯއެއް ނާޝަނަލް ޔޫނިއަން އޮފް ސީފެއަރާސް އޮފް އިންޑިއާގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި ޕޯސްޓު ކުރި އެވެ. އެ ވީޑިއޯގައި އެ މީހުން ބުނި ގޮތުގައި ދެ ބޯޓު ބޭނުން ކުރަމުން އަންނަނީ އެއް ނަގިއްޔެވެ. އަދި އެ މީހުން ކަނޑުމަތީގައި ހާލުގައި ޖެހިގެން ވަނީ އެހީއަށް އެދިފަ އެވެ.
ސެޕްޓެމްބަރު 10، 2026 - މޫސުން ގޯސްވެ އައި ބާރުގަދަ ކޮޅިގަނޑާއެކު ދޫނިދޫއާ ދިމާލުގައި އަޅާފައި އޮތް އެ ދެ ބޯޓުގެ ނަގިލި ކަނޑައިގެން ގޮސް އޮޔާދާން ފެށި އެވެ. އޭރު އެ ބޯޓު އޮތީ ކަސްޓަމްސްގެ ބެލުމުގެ ދަށުގަ އެވެ.
ބޯޓު ފުރަތަމަ އުރުނީ ކާނިވާ ސަރަހައްދުން މާލެ ފަރަށެވެ. އެއަށް ފަހު ސިނަމާލެ ބްރިޖާ ދިމާލަށް ގޮސް ބްރިޖުގެ ދަށުން ވަދެ، ބްރިޖުގެ ސުޕަސްޓްރަކްޗާގައި އެ ބޯޓުގެ އެންޓަނާއަކާއި ނެވިގޭޝަން ލައިޓެއް ޖެހުނެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވި ގޮތުގައި ބްރިޖަށް ބޮޑު ގެއްލުމެއް ނުލިބުނީ ހަމަ ކިރިޔާ އެވެ. ސްޓްރަކްޗާ އަށް ގެއްލުން ނުވިޔަސް ބްރިޖުގައި ކޫރުން އަޅުވާލާފައި ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެއަށް ފަހު އެ ދިމާލުން 30 މޭލު ބޭރަށް ގޮސް ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި މައްސަލަ އާ ގުޅޭ ގޮތުން އެތައް ބަޔަކު ކަމާބެހޭ ފަރާތްތަކަށް ފާޑު ކިޔަމުން އަންނަ އިރު އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރާއްޖޭގެ ބޯޑަ ސެކިއުރިޓީގެ ހާލަތެވެ.
ހާއްސަކޮށް މާލެ ސަރަހައްދުގައި ދެ ބޯޓު އޮންނަތާ ހަފްތާއެއްވީ އިރު މިކަން ސަލާމަތީ އެއްވެސް ފަރާތަށް ނޭނގުނީ ކީއްވެ ހެއްޔެވެ؟ އެ މީހުން ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯއެއްގައި ރާއްޖޭގެ ލޯކަލް އެޖެންޓެއްގެ ވާހަކަ ދައްކާއިރު އެއިން އެއްވެސް ފަޅުވެރިއެއް އެއްގަމަށް ފޭބި ހެއްޔެވެ؟ އެ މައްސަލާގައި މީގެ ފަސް މަސް ކުރިން ފެށި ތަހުގީގު ކޮބާތޯ ސުވާލު އުފެދެ އެވެ.
މީގެ އިތުރުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ފަޅުވެރިން ހާލުގައި ޖެހި ފެނާއި ކާބޯތަކެތި ނުލިބިގެން ބައިނަލްއަގުވާމީ ފަރާތްތަކުގެ ސަމާލު ކަމަށް ވެސް ވަނީ ގެނެސްފަ އެވެ. އެ މުއްދަތުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައި ނުވަނީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ.
އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)ގެ ޗީފް އެގްޒެކެޓިވް ހައްސާން މުހައްމަދު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ މާލެ ފަރު އެއްކޮށް އޮމާންކޮށްލާފައި އޮތް ކަަމަށް މީހުންނާ ހަވާލާދެއްވައި ވިދާޅުވެފަ އެވެ. އެ މައްސަލާގައި ވެސް ހަރުކަށި ފިޔަވަޅު އަޅަން ޖެހެ އެވެ.
އެންމެ ފަހުން ބްރިޖުގެ ދަށުން ގޮސް 30 މޭލު ބޭރުން އެ ދެ ބޯޓު އަޑިއަށް ދިޔައީ ކިހިނެތްތޯ ވެސް ސުވާލު އުފެދެ އެވެ. ބޯޓު އަޑިޔަށް ދިޔައީތޯ ނުވަތަ ކަމާބެހޭ ފަރާތްތަކުން ފައްތާލީތޯ އެވެ. އެހެންކަމަށް ވާނަމަ އޭގައި ތަހުގީގަކަށް ބޭނުންވާ ހެއްކެއް ހުރެދާނެތޯ ވެސް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
އެ ހާދިސާގެ ވަށައިގެން ސުވާލު އުފެދޭ އެތައް ކަމެއް ހުރި އިރު ޔަގީންވާ ކަމަކީ ދެ ބޯޓުން އެ ކޫރު އަޅުވާލީ ރާއްޖޭގެ ބޯޑަ ސެކިއުރިޓީ އާއި ގައުމީ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މުޅި ނިޒާމެވެ.