އިސްރާއިލް މީހުންގެ އުނދަގޫ ތައިލެންޑުގައި ބޮޑުވެ، ތަހުގީގެއް ހިންގަނީ

މި މައްސަލަ ފެންމަތިވެފައިވަނީ ހުއްދަ ނެތި ހަދާފައިވާ ޔަހޫދީންގެ ގަބުރުސްތާނެއް ފެނުމާ ގުޅިގެން، ނޮމިނީން މެދުވެރިކޮށް ހިންގާ އިސްރާއީލާ ގުޅުންހުރި ކަންތައްތަކެއް ފެންމަތިވުމުންނެވެ.

ތައިލެންޑުގެ ޑެޕިއުޓީ އިންޓީރިއާ މިނިސްޓަރު ޕޮލްޕީރް ސުވަނަޗާވީ -- ޕަޓާޔާ ނިއުސް

ތައިލެންޑުގެ ޗަޗޮއެންސާއޯ ޕްރޮވިންސްގައި އިސްރާއިލް މީހުންގެ އުނދަގޫ ބޮޑުވެ، އެމީހުންނަށް ގުޅުންހުރި ގިނަ ކަންކަން ބަަލަން އެ ގައުމުގެ ޑެޕިއުޓީ އިންޓީރިއާ މިނިސްޓަރު ޕޮލްޕީރް ސުވަނަޗާވީ އަންގަވައިފި އެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ހުއްދަ ނެތި ހަދާފައިވާ ޔަހޫދީންގެ ގަބުރުސްތާނެއް ފެނުމާ ގުޅިގެން، ނޮމިނީން މެދުވެރިކޮށް ހިންގާ އިސްރާއީލާ ގުޅުންހުރި ކަންތައްތަކެއް ފެންމަތިވުމުންނެވެ. މިއާއެކު މި ތަހުގީގު މިހާރު ޗޮންބޫރީ އަދި ފުކެޓަށް ފުޅާކުރަމުން އަންނައިރު، މި ސަރަހައްދުތަކުގައި މާލީ އަދި ޖަމިއްޔާތަކާ ގުޅުންހުރި ވިއުގަތަކެއް ވާކަމަށް ވަނީ ބެލެވިފަ އެވެ. 

ތަހުގީގު ފަށާފައިވަނީ ބަންގް ކްލާ ޑިސްޓްރިކްޓްގެ ސަމެޓް ޓައިގައި ހުރި މި ގަބުރުސްތާނު ބަލައި ފާސްކުރުމަށްފަހު، އެތަނަކީ ގަބުރުސްތާނެއްގެ ގޮތުގައި ނުވަތަ ދީނީ ތަނެއްގެ ގޮތުގައި ހިންގުމުގެ ސައްހަ ހުއްދައެއް ނެތް ތަނެއްކަން ހާމަވުމުންނެވެ. ތަހުގީގުކުރާ ފަރާތްތަކަށް އެތަނުން 4 މީހެއްގެ ހަށިގަނޑު ފެނިފައިވެއެވެ. އެގޮތުން ތިން މީހެއްގެ ހަށިގަނޑު ވަނީ ވަޅުލައި ކޮންކްރީޓުން ބަންދުކޮށްފަ އެވެ. އެމީހުން މަރުވި އަހަރުތަކުގެ ގޮތުގައި 2023، 2025 އަދި 2026 ލިޔެފައިވާއިރު، މިއީ އެ ގަބުރުސްތާނުގެ ހުއްދައިގެ މުއްދަތު ހަމަވި ފަހުން ވަޅުލާފައިވާ ހަށިގަނޑުތަކެކެވެ. ހަތަރުވަނަ ހަށިގަނޑު އަދި ވަޅުނުލައި ނިވާކޮށްފައި އޮތްއިރު، އެއީ މި އަހަރު އެތަނަށް ގެނެސްފައިވާ ހަށިގަނޑެއް ކަމަށް ބެލެވެ އެވެ.    

ތައިލެންޑުގެ ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ އެއްވެސް ހަށިގަނޑެއް އެތަނުން ބަދަލުކުރުމުގެ ކުރިން، އެމީހުންނަކީ ކޮން ބައެއްކަމާއި، މަރުވި ސަބަބު ކަށަވަރުކޮށްދޭ ލިޔެކިޔުންތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި މަރުވި ސަބަބު ފޮރުވުމަށް ނުވަތަ އޮޅުވާލުމަށް މަސައްކަތްކޮށްފާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ. މި ވިއުގަޔާ ގުޅުންހުރި ފައިސާގެ އަސްލު ހޯދުމަށް ޑިޕާޓްމަންޓް އޮފް ސްޕެޝަލް އިންވެސްޓިގޭޝަން (ޑީއެސްއައި) އަދި އެންޓި މަނީ ލޯންޑަރިން އޮފީސް (އޭއެމްއެލްއޯ) ފަދަ އިދާރާތަކަށް ވަނީ އަންގަވާފައެވެ.  

މި ސަރަހައްދުތަކުގައި އުޅޭ  ފަރާތްތަކަކީ ތައިލެންޑުގެ ރައްޔިތުކަން ހޯދާފައިވާ އިސްރާއީލު ނަސްލުގެ މީހުން ކަމަށްވާއިރު، އެ މީހުންނަށް ރައްޔިތުކަން ލިބުނު ގޮތާއި އެއީ ގާނޫނާ އެއްގޮތަށް ހިނގާފައިވާ ކަމެއް ތޯ ބެލުމުގެ ތަހުގީގުތައް ވެސް ވަނީ ފަށާފަ އެވެ.  މި ތަހުގީގުގެ ސަބަބުން، ތައިލެންޑުގައި ބިދޭސީންނާ ގުޅުންހުރި ވިޔަފާރިތަކާއި ގާނޫނާ ހިލާފު ކަންކަން ފޮރުވުމަށް ދީނީ ނުވަތަ ސަގާފީ ތަންތަން ބޭނުންކުރަމުންދާ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.