ބީއެމްއެލް ރުފިޔާ ކާޑުގެ އީ-ކޮމާސް ލިމިޓް އިއުލާނުކޮށްފި، 150 ޕްލެޓްފޯމަކަށް ދޭނެ

ދުވަހުގެ ލިމިޓް ހަމަވެއްޖެނަމަ، ޖެހިގެން އަންނަ ދުވަހު އަލުން މުއާމަލާތް ކުރެވޭނެ އެވެ. ލިމިޓްތައް ރީސެޓް ވާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 7:00 ގަ އެވެ. އަދި ޑޮލަރު އެކައުންޓަކާ ގުޅިފައިވާ ޑޮލަރު ކާޑަކަށް ލިމިޓެއް ނެތެވެ.

ރާއްޖެއިން ބޭރުގެ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާ ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަހަކަށް 16 މިލިއަން ޑޮލަރުގެ ލިމިޓެއް ކަނޑައި، ލިމިޓް އިއުލާނުކޮށްފި އެވެ. 

ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކުން ދުނިޔޭގެ 40,000 އަށްވުރެ ގިނަ އީ-ކޮމާސް ޕްލެޓްފޯމްތަކުން ދިވެހިން ޚިދުމަތް ހޯދަމުން އަންނައިރު، މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 20,000 އަށްވުރެ ގިނަ މުއާމަލާތް ކުރެވެ އެވެ. މީގެ ސަބަބުން ބޭންކަށް ލިބެންހުރި ޑޮލަރަށްވުރެ ޑިމާންޑު ބޮޑުވެ، ބޭރު ފައިސާގެ ތަނަވަސްކަމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. އަދި މިކަމުގެ ސަބަބުން ޒަރޫރީ ޚިދުމަތްތަކަށާއި ޓީ.ޓީ ހެދުމަށް ދަތިވެ ކަސްޓަމަރުންގެ ޝަކުވާ ވަނީ އިތުރުވެފަ އެވެ.

އެހެންކަމުން ބީއެމްއެލްއިން ވަނީ ބޭންކުގެ ރިޒާވް ބެލެހެއްޓުމާއި ޒަރޫރީ މުދާ މެދުނުކެނޑި ލިބޭނެ މަގު ފަހިކުރުމުގެ ގޮތުން، ރުފިޔާ ކާޑުން ބޭރުގެ އީ-ކޮމާސް މުއާމަލާތްތައް ކުރުމަށްޓަކައި ކޮންމެ މަހަކު 16 މިލިއަން ޑޮލަރާ ހަމައަށް  ކަނޑައަޅާފައެވެ.

ބަދަލު ގެންނަން ޖެހުނު ސަބަބު - ބީއެމްއެލް އިން ބުނެފައިވަނީ މި ބަދަލުތަކަކީ ޒަރޫރީ ނޫން ކަންކަމަށް ރާއްޖެއިން ބޭރުވާ ޑޮލަރު ކޮންޓްރޯލްކޮށް، ރައްޔިތުންނަށް އެންމެ ބޭނުންތެރި ކަންކަމަށް ޑޮލަރު ފޯރުކޮށްދިނުމަށް އިސްކަންދިނުމުގެ ގޮތުން އެޅުނު ފިޔަވަޅެއް ކަމަށެވެ. އަދި ހާލަތަށް ބަލައި މި ލިމިޓްތަކަށް ބަދަލު ގެންނަމުންދާނެ އެވެ. 

ލިމިޓް ބެހިގެންދާނެ ގޮތް

އެންމެ ގިނައިން ވިޔަފާރިކުރާ އީ-ކޮމާސް ޕްލެޓްފޯމްތައް - ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ އާންމުކޮށް ބޭނުންކުރާ 150 ޕްލެޓްފޯމަކަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު) ވަނީ ކަނޑައަޅާފައެވެ. ބޭންކުން މި ޕްލެޓްފޯމްތަކުގެ ލިސްޓު އާންމުކުރާނެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް - މެޓާ (ފޭސްބުކް/އިންސްޓަގްރާމް) އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކަށް މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކަށް 50,000 ޑޮލަރު).

ދަތުރުފަތުރާއި ހޮޓެލް ބުކިން - އެއާލައިން ޓިކެޓާއި ހޮޓެލް ބުކިންއަށް މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކަށް 200,000 ޑޮލަރު). މި ކެޓެގަރީން ކޮންމެ ކަސްޓަމަރަކަށް 3 މަސްދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން 3 މުއާމަލާތެވެ.

ޒަރޫރީ ސަބްސްކްރިޕްޝަންތައް - އާންމު ދިރިއުޅުމަށް ބޭނުންވާ ސަބްސްކްރިޕްޝަންތަކަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު).

ސިއްހަތާއި ތައުލީމަށް ހާއްސަ އިސްކަން ދޭނެ

ސިއްހީ އަދި ތައުލީމީ ކަންކަމާ ގުޅޭ މުއާމަލާތްތަކަށް ވަކި ހާއްސަ ލިމިޓެއް ކަނޑައަޅާފައެއް ނުވެ އެވެ. މިފަދަ މުއާމަލާތްތަކަށް ބޭނުންވާ ފައިސާ 16 މިލިއަން ޑޮލަރުގެ ތެރެއިން ހަމަޖެހިގެންދާނެ އެވެ. އަދި މި ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ބޭންކުން ހާއްސަ ބަފައެއް (އިތުރު މިންވަރެއް) ގާއިމުކޮށް، ގާތުން މޮނިޓާ ކުރަމުން ގެންދާނެ އެވެ. 

ލިމިޓް ލިބޭނެ ވަގުތަކީ ކޮބާ ؟ - ވަކި ދާއިރާއަކަށް ކަނޑައަޅާފައިވާ ދުވަހުގެ ލިމިޓް ހަމަވެއްޖެނަމަ، ޖެހިގެން އަންނަ ދުވަހު އަލުން މުއާމަލާތް ކުރެވޭނެ އެވެ. ލިމިޓްތައް ރީސެޓް ވާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 7:00 ގަ އެވެ. އަދި ޑޮލަރު އެކައުންޓަކާ ގުޅިފައިވާ ޑޮލަރު ކާޑެއް އޮތްނަމަ، އެ ކާޑެއް ބޭނުންކޮށްގެން އެއްވެސް ހުރަހަކާ ނުލައި ވިޔަފާރި ކުރެވޭނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.