އޭގެ ތެރެއިން އެއް ގޭގައި ފެންބޮޑުވެ، ދިރި ނޫޅެވޭވަރަށް ހާލަތު ގޯސްވުމުގެ ސަބަބުން އެ ގޭގައި ދިރިއުޅޭ އަށް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފަ އެވެ.

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށްވިރެ ގިނަ ގެއަށް ފެންވަދެ، ގެއްލުން ވެއްޖެ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނީ އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި، މިއަދުގެ ހެނދުނާ ހަމައަށް އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެއް ގޭގައި ފެންބޮޑުވެ، ދިރި ނޫޅެވޭވަރަށް ހާލަތު ގޯސްވުމުގެ ސަބަބުން އެ ގޭގައި ދިރިއުޅޭ އަށް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފަ އެވެ.
ފޭދޫގެ އިތުރުން މަރަދޫގެ ދެ ގެއަކަށް ވެސް ފެންވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އައްޑޫ ސިޓީގެ ރަށްތަކުގެ އިތުރުން ދެކުނުގެ އެހެން އަތޮޅުތަކާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށްވެސް މެދުނުކެނޑި ވިއްސާރަކުރަމުން އެބަދެ އެވެ. މި ވިއްސާރައިގައި ފެންބޮޑުވަމުންދާތީ ސިފައިންނާއި ފުލުހުން އަދި ކައުންސިލްތަކުން ގުޅިގެން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
"މި ރަށްރަށުގައި ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ހުއްޓުމެއްނެތި ދަނީ ކުރަމުން. އަދި ގޯތިގެދޮރާއި، ފިހާރަތަކާއި، އޮފީސްތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން،" އެންޑީއެމްއޭ އިން ބުންޏެވެ.
ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.