މިމަހުގެ މިހާތަނަށް ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް 41,648 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރު އައި 42,880 ޓޫރިސްޓުންނާ އަޅާބަލާއިރު 2.9 ޕަސެންޓުގެ ދަަށްވުމެކެވެ.
ކުރިއަރައި އިތުރުވަމުން ދިޔަ ޓޫރިސްޓް ޑެއިލީ އެރައިވަލްސް ނުވަތަ ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ކުއްލިއަކަށް ދަށްވުމާއެކު ޓޫރިޒަމް އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މެދުއިރުމަތީގެ ހަނގުރާމައަށްފަހު ޓޫރިސްޓުން އަންނަ އަދަދު ދަަށްވެގެން ދިޔަ އެވެ. ނަމަވެސް ފަހުން ޓޫރިސްޓުން އަންނަ އަދަދު ދިޔައީ އިތުރުވަމުން ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ހާއްސަކޮށް ޓޫރިސްޓް ޑެއިލީ އެރައިވަލްސް ދިޔައީ އިތުރު ވަމުންނެވެ. މިގޮތުން ޑެއިލީ އެރައިވަސް ދުވާލަކު 5،000 އިތުރުވި އެވެ. ނަމަވެސް މިމަހުގެ މިދިޔަ ހަފުތާއިން ފެށިގެން ވަނީ ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު 4،000 ދަށްވެފަ އެވެ.
މިކަމާ ގުޅިގެން އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެފައިވާ ގޮތުގައި މިހާރު ދުވާލަކު 4,680 ޓޫރިސްޓުން އައިނަމަވެސް ރާއްޖެ އަންނަ އެއާލައިންތަކުގައި 6,800 ކެޕޭސިޓީ އެބަހުއްޓެވެ.
"އަޅުގަނޑުމެންގެ [ރާއްޖެ އަންނަ އެއާލައިންތަކު] ގެ ޝީޓް ކެޕޭސިޓީ އެބަހުރި. އެކަމަކު އެ ޝީޓް ފިލްކުރަން ބޭނުންވަނީ. މިއީ ވަރަށް ސީރިއަސް މައްސަލައެއް. މިކަން ހައްލު ކުރެވޭނީ ރަނގަޅު ޑެސްޓިނޭޝަން މާކެޓިން ހަރަކާތްތަކާއެކު އެއާލައިންތަކާއެކު ކޯޑިނޭޓިވް މަސައްކަތްތަކެއް ކޮށްގެން،" ފިރާގު ވިދާޅުވި އެވެ.
ޓޫރިޒަމް ސިނާއަތުގައި އިސްކޮށް ހަރަކާތްތެރިވާ އެހެން ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިހާރު ރާއްޖެއަށް 40 އެއާލައިނެއް ދަތުރު ކުރިނަމަވެސް ޝީޓް ކެޕޭސިޓީ ފިލް ނުވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މީގައި އެބައުޅޭ ގެޕެއް. މިކަން ކުރިމަތިވަނީ ޑެސްޓިނޭޝަން މާކެޓިން ވީކް ވެގެން ތޯ ؟ ނޫނީ އެހެން މައްސަލައަކުންތޯ ބުނަން ދަތި،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ފަރާތުން ވިދާޅުވި އެވެ.
މިމަހުގެ މިހާތަނަށް ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް 41,648 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރު އައި 42,880 ޓޫރިސްޓުންނާ އަޅާބަލާއިރު 2.9 ޕަސެންޓުގެ ދަަށްވުމެކެވެ. އަދި މި އަހަރުގެ މިހާތަނަށް 1,49 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. ނަމަވެސް މިއީ މިދިޔައަހަރު އައި 1,55 މިލިއަން ޓޫރިސްޓުންނާ އަޅާބަލާއިރު 3.7 ޕަސެންޓުގެ ދަށްވުމެކެވެ.
ސަރުކާރުން ވަނީ މި އަހަރުގެ ފަހުކޮޅު އިތުރު އެއާލައިންތަނެއް ވެސް ރާއްޖެއަށް އަންނާނެ ކަމަށް ބުނެފަ އެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި މި އަހަރުގެ ފަހު ކުއާޓަރުގައި ހަތް އެއާލައިނެއް ދަތުރު ފަށާނެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި އެއާލައިންތައް އަންނަ ގައުމުތަކުގެ ތެރޭގައި ރަޝިއާ އާއި ބަލްގޭރިއާ އަދި ވިއެޓްނާމް އާއި އިތިއޯޕިއާގެ އިތުރުން ފްރާންސް ހިމެނެ އެވެ.
"މީގެތެރޭގައި ދެ އެއާލައިނެއް ހިމެނޭ ކުރިން ވެސް ރާއްޖެއަށް އައި،" އަމީން ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މި އަހަރު ޓާކެޓަކީ 2.5 މިލިއަން ޓޫރިސްޓުން އައުމުގެ ޓާގެޓެއް އޮތްނަމަވެސް ކުރިމަތިވި ހާދިސާތަކާއެކު އެ އަދަދަށްނައި ނަމަވެސް ގާތަށް ޓޫރިސްޓުން އަންނާނެ އެވެ.
"ބައެއް ކަންކަމަކީ އަޅުގަނޑުމެންގެ އަތްމަތީ އޮންނަ ކަންކަމެއް ނޫން. އިންޑަސްޓްރީ އާއި ސަރުކާރު ގުޅިގެން ކުރަމުން ދިޔަ މަސައްކަތުން މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ލިބެމުން ދިޔަ ގެއްލުން 24 ޕަސެންޓުން ވަނީ ދެ ޕަސެންޓަށް ކުޑަކުރެވިފަ،" އަމީން ވިދާޅުވި އެވެ.
އިތުރު އެއާލައިންތައް ގެނައުމަކުން ނުފުދެ އެވެ. އެ ގެންނަ އެއާލައިންތަކަށް ފުލް ކެޕޭސިޓީއެއް ލިބެން ޖެހެ އެވެ. އެހެންނޫންނަމަ އެއާލައިންތަކުން ރާއްޖެއަށް އަންނަން ޖެހޭ ސަބަބެއް ނޯންނާނެ އެވެ.