މިނިސްޓަރު ވިދާޅުވީ މިފަދަ ހާދިސާއަކުން ލިބޭ ގެއްލުން ސަލާމަތް ކުރަން އިތުރު ކަންކަން ހަރުދަނާކޮށް ވަސީލަތް ހޯދަން ދަނީ މަސައްކަތް ކުރަމުންނެވެ.

މޫސުން ގޯސްވެ ނަގިލި ކަނޑައިގެން ގޮސްގެން ރޭ ރޭގެ ވަގުތެއްގައި ސިނަމާލެ ބްރިޖަށް ލައްވި އުޅަނދުގެ ސަބަބުން ބްރިޖަށް ގެއްލުމެއްވެފައި ނުވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއްތަލިބު އެކްސްގައި ވިދާޅުވި ގޮތުގައި މި ހާދިސާއާ ގުޅިގެން ބްރިޖު ބިނާކުރި ކުންފުނި، ސެކަންޑް ހާބަރު އިންޖިނިއަރިންގ ކޮމްޕެނީ (ސީސީސީ) ގެ އިންޖިނިއަރުން ވަނީ ރެ އާއި މިއަދު ހެނދުނު ބްރިޖު އިންސްޕެކްޓްކޮށްފައެވެ.
"މި އިންސްޕެކްޝަނަށްފަހު މާތްﷲގެ އިރާދަފުޅާއެކު ބްރިޖުގެ މައިގަނޑު ސްޓްރަކްޗަރަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަން ވަނީ ކަށަވަރުވެފައެވެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ބްރިޖަށް ގެއްލުމެއް ނުވި ނަމަވެސް ބްރިޖުގެ ބޭރު ފުށުން ކޮންމެ ވެސް ވަރަކަށް ކޫރުމެއް އެޅިފައިވާ ކަމަށެވެ. ޗައިނާގެ ހިލޭ އެހީގެ ދަށުން ހަމަޖެހިފައިވާ މޮނިޓަރިން އަދި މެއިންޓަނަންސް އުސޫލުގެ ތެރެއިން، އެކަށީގެންވާ ސްޓޭންޑަޑް މެތަޑޮލޮޖީއެއް ބޭނުންކޮށްގެން ސީސީސީ އިން މި ތަންތަން މަރާމާތުކުރާނެ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މާލެ ކައިރިން އުޅަނދެއް ކޮންޓްރޯލުން ނެއްޓިގެން ދިއުމަކީ މާލެއާއި ހުޅުމާލެ ގުޅުވައިދޭ ދެ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އެހެނިހެން މުހިންމު އުމްރާނީ ވަސީލަތްތަކަށް އޭގެ ނުރައްކާ ފޯރާނެ ކަމެކެވެ. އެހެންމަމުން މިއީ މުޅި ވެރިރަށުގެ ދިރިއުޅުމަށް އަސަރުކުރާނެ ފަދަ ބޮޑު ކާރިސާއަކަށް ވެދާނެ ކަމެއް ކަމަށްވުމާއެކު، މިފަދަ ކަންކަމަށް އިޖާބަދިނުމުގެ މަސައްކަތް ހާދިސާއެއް ހިނގުމުގެ ކުރިން ފަށަން ޖެހެ އެވެ.
މިނިސްޓަރު ވަނީ މިކަމަށްޓަކައި ސަރުކާރުން ދުރާލާ އަޅަން ނިންމާފައިވާ ފިޔަވަޅުތައް ވެސް ވިދާޅުވެ ދެއްވާފަ އެވެ.
އެމްޕީއެލްއަށް އާ ޓަގުބޯޓުތަކެއް ހޯދުން - ކޮންޓްރޯލުން ނެއްޓިގެން އަންނަ އުޅަނދުތައް ބްރިޖާ ހަމައަށް ފޯރުމުގެ ކުރިން ހިފެހެއްޓުމުގެ ގާބިލުކަން ހުރި ބާރުގަދަ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް އެމްޕީއެލް އިން މިހާރު ވަނީ ފަށާފައެވެ. ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި މި ޓަގުތައް ލިބޭނެކަމަށް ބެލެވެއެވެ.
އެންކަރޭޖް އިންތިޒާމުތައް މުރާޖަޢާކުރުން - ބަނދަރުގެ އެންކަރޭޖް ނުވަތަ އުޅަނދުފަހަރު ބަނދަރުކޮށްފައި ބޭއްވުމުގެ އިންތިޒާމުތައް އިތުރަށް މުރާޖަޢާކުރުން.
އިމަޖެންސީ ޕްރޮސީޖާތައް އެކުލަވާލުން - ކޯސްޓްގާޑާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި މުވާސަލާތުކުރާނެ އަދި ހަރަކާތްތެރިވާނެ ސާފު އިޖުރާއަތްތަކެއް އެކުލަވާލުން.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންދާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ.