ޒަމާނުއްސުރެން ފެށިގެން ބޭރުގައި އޭޓީއެމް އަކުން ފައިސާ ނަގާނަމަ ބޭންކްއިން ދިޔައީ %2.5 ގެ ފީއެއް ނަގަމުންނެވެ. އަދި މިއީ ދުނިޔޭގެ ގިނަ ބޭންކްތަކުން ނަގާ ފީއެކެވެ.

ޒަމާނުއްސުރެން ފެށިގެން ބޭރުގައި އޭޓީއެމް އަކުން ފައިސާ ނަގާނަމަ ބޭންކްއިން ދިޔައީ %2.5 ގެ ފީއެއް ނަގަމުންނެވެ. މި އުސޫލަކީ ކުރިން މާބޮޑު ކަމަށްނުވިނަމަވެސް މިހާރުގެ ހާލަތުގައި އެންމެ ޑޮލަރެއް އެކައުންޓުން މަދުވުންވެސް ވަނީ ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ބޮޑު އެއްޗަކަށެވެ. އެހެންވެ ބީއެމްއެލްއިން މިވަނީ ދަރިވަރުންނަށް ކުރިމަތިވަމުން ދިޔަ ބޮޑު މިބުރަ ނިމުމަކަށް ގެނެސްފަ އެވެ. މިއާއެކު ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.
ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި ރާއްޖޭން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު މީގެ ކުރިން ނަގަމުން އައި 'ކްރޮސް ބޯޑާ' ފީ ނެގުން ހުއްޓާލުމަށް މިވަނީ ނިންމާފަ އެވެ. މީގެ ސަބަބުން، ބޭރުގައި ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދުތަކާއި ތައުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ޚަރަދަކާ ނުލައި ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެއެވެ. މިއީ ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
ނަމަވެސް މި ފީއަކީ ދުނިޔޭގެ ގިނަ ބޭންކްތަކުން ބޯޑާ ޓްރާންސެކްޝަންތަކުގެ ހަރަދު ހަމަޖައްސަން ނަގާ ފީއެކެވެ. ދިވެހިން އާއްމުކޮށް ދަތުރުކުރާ ތައިލެންޑަކީ މިއީ އޭޓީއެމް ފީ އެންމެ ބޮޑު އެއް ގައުމެވެ. ބޭރުގެ ކާޑަކުން ފައިސާ ނަގާ ކޮންމެ ފަހަރަކު ގާތްގަނޑަކަށް 220 ތައި ބާތު (ގާތްގަނޑަކަށް 100 ދިވެހި ރުފިޔާ) އޭޓީއެމް ފީއެއްގެ ގޮތުގައި މެޝިނުން ކަނޑާނެ އެވެ. އަދި ފިލިޕީންސްގައި ބޭރުގެ ކާޑުތަކަށް އާންމުކޮށް 250 ޕެސޯ (ގާތްގަނޑަކަށް 70 ރުފިޔާ) ގެ ފީއެއް ކޮންމެ ޓްރާންސެކްޝަނަކަށް ނަގައެވެ. މީގެ އިތުރުން އެމެރިކާގައި ގާތްގަނޑަކަށް ހުރިހާ އޭޓީއެމްއަކުންވެސް 3 ޑޮލަރާއި 5 ޑޮލަރާ ދެމެދުގެ ފީއެއް ނަގައެވެ. އަދި ބައެއް ޓޫރިސްޓު ސަރަޙައްދުތަކުގައި މިއަށްވުރެ ބޮޑުކޮށް ޗާޖު ކުރެ އެވެ. ނަމަވެސް މި ފީ އުނި ކުރުމާއެކު ދިވެހި ދަރިވަރުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.
މި ފީއުނި ކުރިނަމަވެސް ބީއެމްއެލްއިން ވަނީ މިހާރު ވެސް ނަގާ "އޮޕްޝަނަލް އިޝުއާ ފީ" ނަގަން ނިންމާފަ އެވެ، އޮޕްޝަނަލް އިޝުއާ ފީ އަކީ ކޮބައި ހެއްޔެވެ؟ އޮޕްޝަނަލް އިޝުއާ ފީ އަކީ ކާޑު ދޫކޮށްފައިވާ ބޭންކުން، ބޭރު ފައިސާގެ މުއާމަލާތްތަކުން ނުވަތަ ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތްތަކުން ނަގާ ފީއެކެވެ.
މި ފީ ނަގާ ގޮތް:
ކާޑު ނުވަތަ ކާޑު ލިންކުކުރެވިފައިވާ އެކައުންޓުގެ އަސްލު ފައިސާ ނޫން އެހެން ފައިސާއަކުން ވިޔަފާރިއެއް ކުރުމުން ނުވަތަ ފައިސާ ނެގުމުން، އެ މުއާމަލާތެއް ބައިނަލްއަގުވާމީ ޕޭމަންޓް ނެޓްވޯކްތައް (މިސާލަކަށް ވިސާ ނުވަތަ މާސްޓަރކާޑު) މެދުވެރިކޮށް ޕްރޮސެސް ކުރަންޖެހެ އެވެ. މިކަމަށް ހިނގާ ޚަރަދުތައް ފޫބެއްދުމަށް ބޭންކުން މުއާމަލާތުގެ ޖުމްލަ އަދަދުން ވަކި އިންސައްތައެއް 'އޮޕްޝަނަލް އިޝުއަރ ފީ' ގެ ގޮތުގައި ނަގަ އެވެ.