ޑްރަގް ކެފޭ ހިންގާ ގެއެއްގެ ވެރިފަރާތް ފުރަތަމަ ފަހަރަށް ޖަލަށް، 10 އަހަރުގެ ހުކުމެއް

ކޯޓުން ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެތީގެ އެކިއެކި މައްސަލަތަކުގައި ވަރަށް ގިނަ ފަހަރު ރެއިޑުކޮށްފައިވާ ގ. ޕެލިކަން ގޭގެ ވެރިފަރާތް ކަމުގައިވާ އިބްރާހިމް ނާޒިމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓު ހިންގާ އާ އިމާރާތް --

މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ގެއެއް (ޑްރަގް ކެފޭ) އެއްގެ ވެރިފަރާތް ފުރަތަމަ ފަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކޯޓުން ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެތީގެ އެކިއެކި މައްސަލަތަކުގައި ވަރަށް ގިނަ ފަހަރު ރެއިޑުކޮށްފައިވާ ގ. ޕެލިކަން ގޭގެ ވެރިފަރާތް ކަމުގައިވާ އިބްރާހިމް ނާޒިމްގެ މައްޗަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދައުލަތުން ނާޒިމްގެ މައްޗަށް އުފުލާފައި ވަނީ ގެއެއް ނުވަތަ ގެއެއްގެ ބައެއް، މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ނުވަތަ ޕެޑެލް ކުރުމަށް ހުއްދަ ދިނުމުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ މިދިޔަ ޖެނުވަރީ މަހުގެ 20 ވަނަ ދުވަހު ޕެލިކަންގެ ބަލައި ފާސްކުރަން ފުލުހުން ގޮސް ގޭގެ ބޭރު ގޭޓް ހުޅުވަން ބުނުމުން ހުޅުވާފައި ނުވާތީ ބާރުގެ ބޭނުންކޮށްގެން އެގެއަށް ވަދެ ގްރައުންޑް ފްލޯ ބަލައިފާސްކުރިއިރު، ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އަދި އޭރު އެގޭގައި އިތުރަށް ތިބި އަމްޖަދު ރިގާބް އަދި މުހައްމަދު ނާއިފް ހައްޔަރު ކޮށްފައިވާ ކަމަށްވެސް ދައުވާގައި ބުނެފައިވެ އެވެ. 

އެ ގެއަކީ މަސްތުވާތަކެތި ގަންނަން ލިބޭ އަދި އެގޭގައި ތިބެގެން އެތަކެތީގެ ބޭނުންކޮށް ވިއްކާ ވިޔަފާރި ކުރާކަމުގެ މައްސަލަތަކާ ގުޅިގެން އެތައް ފަހަރަކު ފުލުހުން އެގެއަށް ގޮސް މީހުން ހައްޔަރުކޮށްފައިވާ ގެއެއްކަން ދައުވާގައި ފާހަގަކޮށްފައިވެ އެވެ. 

މި ދައުވާ ނާޒިމްގެ މައްޗަށް އުފުލާފައި ވަނީ އެއީ އޭނާގެ ބެލުމުގެ ދަށުގައި ހުންނަ ގެއަކަށްވެފައި، ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ޕެޑަލްކުރުމަށް އޭނާ ހުއްދަ ދީފައިވާތީ އެވެ. ނަމަވެސް ނާޒިމް ބުނެފައި ވަނީ އެކަން ކުރާ އެޕާޓްމެންޓަކީ އޭނާ ކުއްޔަށް ދީފައިވާ ތަކެއް ކަމަށާއި، އެ ކުށުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.

ދައުވާއަށް ނާޒިމް އިންކާރު ކުރި ނަމަވެސް، ޕެލިކަން ގެއަކީ 2014 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ކުށްތައް ކުރުމުގެ ރެކޯޑު އޮތް ގެއެއް ކަމަށާއި، އެތަނަކީ ނާޒިމްއަށް ތަސައްރަފް ކުރުމުގެ ހައިސިއްޔަތު އޮތްތަނެއްކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

މި މައްސަލަ ނާޒިމްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، 10 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.