އެހެންވެ މިކަމުން ދައްކައިދެނީ %40 މާރުކުރަން މަޖުބޫރުވުމަކީ ރިސޯޓުތަކުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް ކަމެވެ.

ރާއްޖޭގެ ބޭންކިން ނިޒާމަށް ރިސޯޓަށް ލިބޭ ޑޮލަރުގެ % 40 މާރުކޮށްފިނަމަ ރިސޯޓު ބޭނުމަށް ހުންނަ ޑޮލަރު މަދުވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އެކްސްގައި ވިދާޅުވީ ބޭރު ފައިސާ މާރުކުރަން މަޖުބޫރުކުރާ އާ އުސޫލަށް އަމަލުކުރަން ފެށުމުން، ރިސޯޓުތަކުގެ ދުވަހުން ދުވަހުގެ އޮޕަރޭޝަނަށް ބޭނުންކުރަން ހުންނަ ޑޮލަރު ހުސްވެ، ކޮންމެ މަހަކު ދެ ލައްކައަށްވުރެ ގިނަ ޑޮލަރު މަދުވާނެކަން އާ ދިރާސާ ރިޕޯޓަކުން ހާމަވެ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހާ ގުޅިގެން ނެރެފައިވާ 40 ޕަސެންޓް ރާއްޖޭގެ ރިސޯޓުތަކަށް ބޭރު ފައިސާ މާރުކުރުން މަޖުބޫރުކުރާ އުސޫލު ވިޔަފާރީގެ ގޮތުން ކާމިޔާބު ނުވާނެ އެވެ. އަދި މި އުސޫލަށް އަމަލުކުރަން ފެށުމުން ރިސޯޓުތަކަށް ޑޮލަރުން ކުރަންޖެހޭ ހަރަދުތައް ފޫބެއްދުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވާނެ އެވެ.
އާންމު އާމްދަނީ - ރިސޯޓަކަށް އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 28.8 މިލިއަން ޑޮލަރު (މަހަކު ގާތްގަނޑަކަށް 2.4 މިލިއަން ޑޮލަރު) ލިބޭނެ
މާރުކުރުމަށްފަހު ބާކީވާ މިންވަރު - 40 އިންސައްތަ މާރުކުރުމުން ރިސޯޓަށް ބޭނުންކުރަން ޑޮލަރުގެ ގޮތުގައި ބާކީ އޮންނާނީ މަހަކު 1.44 މިލިއަން ޑޮލަރު
ޑޮލަރުން ކުރަންޖެހޭ ހަރަދު - ނަމަވެސް، ރިސޯޓުތަކުން މަހެއްގެ މައްޗަށް ޑޮލަރުން ކުރަންޖެހޭ އަސާސީ ހަރަދުތައް 1.71 މިލިއަން ޑޮލަރަށް އަރާނެ
ދަރަނި ނުވަތަ ޑެފިސިޓް - މީގެ ސަބަބުން ކޮންމެ މަހަކުވެސް 269,000 ޑޮލަރުގެ ޝޯޓްފޯލްއެއް (މަދުވާ މިންވަރެއް) އުފެދޭނެ
ނަޝީދު ވިދާޅުވެފައިވާ ގޮތުގައި މި އަދަދަކީ ކެޕިޓަލް ހަރަދުތަކާއި (ކެޕެކްސް) އިންޝުއަރެންސް އަދި ރިސޯޓުގެ އޯނަރުންނަށް ލިބޭ ފައިދާ ނުހިމަނައި ހަމައެކަނި ޖުމްލަ އާމްދަނީގެ %11 ސްޓްރަކްޗަރަލް ޑެފިސިޓެކެވެ.
"މީގެ މާނައަކީ އިތުރު އިންވެސްޓްމަންޓްތަކާއި ފައިދާގެ ބައި ނުހިމަނައިވެސް ރިސޯޓުތަކަށް މި އުސޫލުގެ ސަބަބުން މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.
" ސިނާއަތުގައި ހިންގުމުގެ ގިނަ ހަރަދުތަކަކީ ލޯނު ދެއްކުން ފަދަ ކަންކަމަކީ ޑޮލަރުން ކުރަންޖެހޭ ހަރަދުތައް. އެހެންވެ މިކަމުން ދައްކައިދެނީ %40 މާރުކުރަން މަޖުބޫރުވުމަކީ ރިސޯޓުތަކުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް ކަމެއްކަން،" ނަޝީދު ވިދާޅުވި އެވެ.