އެމްއެމްއޭއިން ހާމަކޮށްފައިވާގޮތުގައި، ސެޕްޓެންބަރު 9، 2026 ގެ ނިޔަލަށް ބޭރުފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.

ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާ އެއްވެސް މުއާމަލާތެއް ނުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބޭރުފައިސާއާބެހޭ ގާނޫނު އަދި މަނީ ޗޭޖިން ވިޔަފާރިއާބެހޭ ގަވާއިދުގައިވާ ގޮތުން، ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރެވޭނީ އެ އޮތޯރިޓީގެ ލައިސަންސެއް ލިބިގެން ކަމަށެވެ.
ނަމަވެސް، ލައިސަންސް ނެތި ބައެއް ފަރާތްތަކުން މިފަދަ މުއާމަލާތްތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ކުށެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ. މި ފަރާތްތަކުގެ އަދާހަމަ ލިސްޓު އެ އޮތޯރިޓީގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
އެހެންކަމުން، ބޭންކެއް ފިޔަވައި އެހެން ފަރާތަކާއެކު ބޭރުފައިސާ މާރުކުރުމުގެ މުއާމަލާތެއް ހިންގާނަމަ، އެއީ ލައިސަންސް ލިބިފައިވާ ފަރާތެއްތޯ ކަށަވަރުކުރުމަށާއި، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އެކަންކަން ކުރުމަށް އެމްއެމްއޭއިން ވަނީ އެދިފަ އެވެ.