މީގެ މަގުސަދަކީ ވަކި މިންގަނޑުތަކެއްގެ ތެރެއިން، ވަރަށް އިންތިޒާމުކުރެވިގެން އުޅަނދުތައް ރަޖިސްޓަރީކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ސަގާފަތެއް އަށަގަންނުވައި، އާންމު ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުމެވެ.
މާލެ ސަރަޙައްދުގައި ދިމާވެފައިވާ ޓްރެފިކްގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މުޅި މާލެ ސަރަޙައްދަކީ "ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯން" އެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފި އެވެ.
މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ސައީދު ވިދާޅުވި ގޮތުގައި މި ސަރަހައްދު ކޮންޓްރޯލް ޒޯނަކަށް ހެދުމުގެ މާނައަކީ އުޅަނދު ރަޖިސްޓަރީ ނުކުރެވޭނެ ވާހަކައެއް ނޫނެވެ. އޭގެ ބަދަލުގައި މީގެ މަގުސަދަކީ ވަކި މިންގަނޑުތަކެއްގެ ތެރެއިން، ވަރަށް އިންތިޒާމުކުރެވިގެން އުޅަނދުތައް ރަޖިސްޓަރީކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ސަގާފަތެއް އަށަގަންނުވައި، އާންމު ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބަދަލު ގެނައުމަށްޓަކައި ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ކައުންސިލްތަކާވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
މިއީ ޓްރެފިކް މައްސަލައަށް ހައްލު ހޯދައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަކުރައްވަމުން ސައީދު ވިދާޅުވީ، މިއަހަރުގެ ތެރޭގައި ޗައިނާ ސަރުކާރުގެ އެހީގައި މާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މާލޭގެ ބޭރުމަގަކީ މިފަދަ ޒަމާނީ މަގުތަކުގެ ހެއްކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ "މަލްޓި ސްޓޯރީ" ދެ ޕާކިން ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ އެވެ. މާލެ ސަރަހައްދުގެ ޕާކިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހުޅުމާލެއާއި ވިލިމާލެ ހިމެނޭގޮތަށް މާލެ ސަރަހައްދުގައި ހަތް ޕާކިން ބިލްޑިން ތަރައްގީކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
އެ އިމާރާތްތަކާއެކު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2600 އަށްވުރެ ގިނަ ޖާގަ އަދި ދެ ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ދޭނެ ކަމަށް ކުރިން ސަރުކާރުން ބުނެފައިވެ އެވެ.