ނުރައިން ޖަނާހް ވިދާޅުވީ މާލީ އިދާރާތަކާއި އިންވެސްޓަރުންނާއި ސަރުކާރުތައް އަދި ތަރައްޤީގެ ބައިވެރިންނާ ގުޅިގެން މިފަދަ އިންވެސްޓްމަންޓް ވެހިކަލެއް ޤާއިމުކުރުމަށް އެހީތެރިވުމަށް އެމްޕީބީ އޮތީ ތައްޔާރަށް ކަމަށެވެ.

މޯލްޑިވްސް ޕްރިމިއަރ ބޭންކް (އެމްޕީބީ) އިން، ކުދި ޖަޒީރާ ގައުމުތަކުގައި (ސިޑްސް) ޓޫރިޒަމާ ގުޅޭ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި މުޅިން އައު ސިޑްސް-ވައިޑް ވެހިކަލެއް (ފަންޑެއް) ގާއިމުކުރުމަށް ހުށަހަޅައިފި އެވެ.
ޕްރިމިއަ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ މި ހުށަހެޅުން ހުށަހެޅުއްވީ މިދިޔަ މަހުގެ 23 އިން 25 އަށް ރާއްޖޭގައި ބޭއްވި 'ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026' ގެ ޕެނަލް ޑިސްކަޝަންއެއްގަ އެވެ. އެ ބޭންކުގެ ޗެއާޕާސަން ނުރައިން ޖަނާހް އެވެ.
ނުރައިން ޖަނާހް ވިދާޅުވީ މާލީ އިދާރާތަކާއި އިންވެސްޓަރުންނާއި ސަރުކާރުތައް އަދި ތަރައްޤީގެ ބައިވެރިންނާ ގުޅިގެން މިފަދަ އިންވެސްޓްމަންޓް ވެހިކަލެއް ޤާއިމުކުރުމަށް އެހީތެރިވުމަށް އެމްޕީބީ އޮތީ ތައްޔާރަށް ކަމަށެވެ.
ފަތުރުވެރިކަމުން ސިޑްސް ޤައުމުތަކަށް ފުރުސަތުތައް ފަހިކޮށްދިން ނަމަވެސް، ހަމައެކަނި އެ ސިނާޢަތަށް ބަރޯސާވުމަކީ ނާޒުކުކަން އިތުރުވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި 2025 ވަނަ އަހަރު އެކަނިވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ އާމްދަނީ ރެކޯޑް މިންވަރަކަށް ކަމަށްވާ 5.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާކަން ފާހަގަކުރައްވައި ނުރައިން ވިދާޅުވީ ބޭރުގެ ބޭންކުތަކަށް އެކަނި ބަރޯސާނުވެ، ރާއްޖޭގައި މާލީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ ގާބިލުކަން އެބަހުރިކަމަށެވެ.
މި ފޯރަމް ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އވެ. މި ފޯރަމްގައި ބަހާމާސް ޓްރޭޑް ކޮމިޝަންގެ ޗެއަރމަން ގްރިފިން ބެރީ އާއި، ޕެސިފިކް ޓުއަރިޒަމް އޯގަނައިޒޭޝަންގެ ސީއީއޯ ކްރިސް ކޮކަރ އަދި ޓީޔޫއައި ކެއާ ފައުންޑޭޝަންގެ ބްރަނިސްލާވް މިޒެންކޯ ވެސް މި ޕެނަލްގައި ބައިވެރިވެވަޑައިގަތެވެ.