އެމެރިކާގެ އަސްކަރި ސިއްރުތައް ހިމެނޭ ކަނޑުގެ ޑްރޯނެއް އީރާނުން އަތުލައިގެންފި

ކަނޑުއަޑީގެ މި ޑްރޯންއަކީ ދިގުމިނުގައި 5.8 މީޓަރު (19 ފޫޓު) އަދި ފުޅާމިނުގައި 2 މީޓަރު (4 ފޫޓު) ހުންނަ، ބަރުދަނުގައި ގާތްގަނޑަކަށް 3 ޓަނު ހުންނަ އުޅަނދެކެވެ.

އީރާނުން އަތުލައިގަތް އެމެރިކާގެ އަންޑަ ވޯޓާ ޑްރޯން -- ރޮއިޓާސް

އެމެރިކާގެ އަސްކަރި ސިއްރުތަކުން ފުރިގެންވާ އަދި އެންމެ ފެންވަރު މަތީ ޓެކްނޮލޮޖީ ހިމެނޭ ކަނޑުގެ ޑްރޯނެއް އީރާނުން އަތުލައިގެންފި އެވެ. 

އީރާނުގެ އިންގިލާބީ ލަޝްކަރުން ނެރެފައިވާ ބަޔާނެއްގައި ބުނީ އެމެރިކާގެ ކަނޑުއަޑިން ދަތުރުކުރާ ޑްރޯނެއް (އަންޑަރވޯޓާ ޑްރޯން) އަތުލައިގަތްކަމަށް ބުނެފި އެވެ. މިކަން އަދި ރަސްމީކޮށް ކަށަވަރުކުރެވިފައި ނުވި ނަމަވެސް، އައިއާރްޖީސީން އާންމުކޮށްފައިވާ ހެކިތަކަކީ ސައްހަ ހެކިތަކެއްކަމަށް ބެލެވެއެވެ.

އިންޓަނެޓުގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ލޮނުގަނޑުގެ ތެރެއަށް ބައެއް ފެތިފައިވާ މި ޑްރޯނަކީ އެމެރިކާއިން އުފައްދާފައިވާ "އެންޑިއުރިލް ޑައިވް-އެލް.ޑީ" މަރުކާގެ ޑްރޯނަކާ ވަރަށް ބޮޑަށް އެއްގޮތް އުޅަނދެކެވެ. އޭގެ ބޭރުފުށުގެ ސިފައަށް ބަލާއިރު، ފެން ވަންނަގޮތަށް ހަދާފައި ހުންނަ ލޯވަޅުތަކާއި ބައިތައް ހަރުކޮށްފައިވާ ގޮތްތަކުގެ އިތުރުން ކުރީކޮޅުގައިވާ ކުޑަ ދެފުށްފެންނަ މާސްޓް ފަދަ ކުދިކުދި ގިނަ ތަފްސީލު ތަކެއް ވަނީ ދިމާވެފަ އެވެ. ބެލެވޭ ގޮތުގައި މި ޑައިވްއެލްޑީ ޑްރޯނަކީ އިންޓެލިޖެންސް ސަވައިލެންސް އަދި ރިކޮނައިސަންސް (އައިއެސްއާރް) ނުވަތަ ކަނޑުގެ އަޑީގައި ހުންނަ މައިން ހޯދުމުގެ މަސައްކަތަށް ބޭނުންކުރާ އުޅަނދަކަށް ވުން އެކަށީގެންވެ އެވެ. އަދި މިއީ ހަތިޔާރު ހަރުކޮށްގެންވެސް ބޭނުންކުރެވިދާނެ ޑްރޯނެއް ކަމަށް ލަފާކުރެވެ އެވެ.

ޑައިވް-އެލް.ޑީ އޭ.ޔޫ.ވީ އަކީ ކޮބާ؟

ކަނޑުއަޑީގެ މި ޑްރޯންއަކީ ދިގުމިނުގައި 5.8 މީޓަރު (19 ފޫޓު) އަދި ފުޅާމިނުގައި 2 މީޓަރު (4 ފޫޓު) ހުންނަ، ބަރުދަނުގައި ގާތްގަނޑަކަށް 3 ޓަނު ހުންނަ އުޅަނދެކެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ކަނޑުއަޑީގެ މިޝަންތަކުގައި ހަރަކާތްތެރިވުމަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. އެންޑިއުރިލް ކުންފުނިން ބުނާގޮތުގައި މި އުޅަނދަކީ ތަފާތު އެކި ސެންސަރުތަކާއި އާލާތްތައް ފަސޭހައިން ހަރުކުރެވޭ ގޮތަށް ޖާގަ ތަނަވަސްކޮށް ފަރުމާކޮށްފައިވާ ޑްރޯނެކެވެ. މި ޑްރޯންތަކަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ އަންމޭންޑް އަންޑަރސީ ވީހިކަލް ގްރޫޕް  އަދި އަންޑަރސީ ވީހިކަލް ސްކޮޑްރަން ގައި ބޭނުންކުރަމުން އަންނަ އުޅަނދުތަކެކެވެ. 

އީރާނުން އަމިއްލައަށް އުފައްދާ ޑްރޯންތަކަށްވުރެ އެމެރިކާގެ ޑައިވް-އެލް.ޑީ ޑްރޯންގެ ޓެކްނޮލޮޖީ މާބޮޑަށްވެސް ކުރިއަރާފައިވެއެވެ. އެހެންނަމަވެސް، އީރާނަކީ ހަތިޔާރު އެޅި އަންޑަރވޯޓާ ޑްރޯންތައް އުފެއްދުމުގައި ފާހަގަކޮށްލެވޭ ގައުމެކެވެ. ރިޕޯޓުތައް ބުނާގޮތުން، އީރާނުން އުފައްދާފައިވާ މަދުވެގެން ދެ ވައްތަރެއްގެ ކަނޑުއަޑީގެ ޑްރޯން ޔަމަނުގެ ހޫޘީންނަށް ވަނީ ފޯރުކޮށްދީފަ އެވެ. ހޫޘީންނަށް ފޮނުވަނިކޮށް އަތުލައިގެންފައިވާ ހަތިޔާރުތަކުން، އީރާނުގެ ޑްރޯންތަކުގެ ޑިޒައިނަށް ޒަމާނާ އެއްގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ހާމަވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.