މިސިޓީފުޅުގައި ރައީސް ވިދާޅުވެފައި ވަނީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަމުގައި ތާރީހީ ގޮތުންވެސް ފެންނާން އޮންނަ ކަމަށާއި އަދި ޖިއޮގްރަފީ ގޮތުންވެސް އެތަނަކީ ރާއްޖެއާ މާގާތުގައި އޮތް ރަށެއް ކަމަށެވެ.

ޗާގޯސްގެ ޖަޒީރާ ރަށްތަކުގެ ސިޔާދަތީ މިލްކުވެރިކަމާ ބެހޭ މައްސަލައިގައި އިނގިރޭސިވިލާތާއެކު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އެގައުމުގެ ބޮޑުވަޒީރު އެންޑީ ބާންހަމްއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރައީސް މި ދައުވަތު ދެއްވާފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެއްގަ އެވެ.
މިސިޓީފުޅުގައި ރައީސް ވިދާޅުވެފައި ވަނީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަމުގައި ތާރީހީ ގޮތުންވެސް ފެންނާން އޮންނަ ކަމަށާއި އަދި ޖިއޮގްރަފީ ގޮތުންވެސް އެތަނަކީ ރާއްޖެއާ މާގާތުގައި އޮތް ރަށެއް ކަމަށެވެ.
ރައީސްގެ ސިޓީފުޅުގައި، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ކުރިޔަށް ގެންދަވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވައި، ދިވެހި ދައުލަތާއި ރައްޔިތުންގެ ހަގުތައް ރައްކާތެރިކުރެވޭނޭ ފަދަޔަކުން، ޗާގޯސްގެ މައްސަލައިގައި ރާއްޖެއިން އިނގިރޭސި ސަރުކާރަށް އެއްބާރުލުން ދެއްވާނޭ ކަމުގެ ޔަގީންކަން ވަނީ އަރުއްވާފަ އެވެ.
ޗާގޯސްގެ މިލްކުވެރިކަމާ މެދު މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލަ އެގައުމުން ކާމިޔާބުކޮށްފައި ވާތީ، ޗާގޯސް ޖަޒީރާގެ ތެރެއިން އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާ އާއެކު އެ ތަން މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ކުރިން ވެސް ނިންމި އެވެ.
އޭރު މޮރިޝަސްއާ އެތަން ހަވާލުކުރަން ނިންމި ނިންމުން މަޑުޖައްސާލުމަށްފަހު މިހާރު އަނެއްކާ އެތަން ހަވާލުކުރުމަށް އިނގިރޭސި ބޮޑުވަޒީރު ވަނީ ނިންމައިފަ އެވެ.