ރައީސް ވިދާޅުވީ މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކޮށް ރައްޔިތުން ބޭނުންވާ އެހެން ކަންކަމަށް ހަރަދު ކުރެވޭނެ އެވެ.

މުސާރައިގެ ގޮތުގައި މަހަކު 60،000ރ. ލިބޭ "އިންކަމް ޓެކްސް" ދައްކާ މީހުންނަށް އާސަންދައިގެ ފުލް ކަވަރޭޖު އަންނަ މަހުން ފެށިގެން ނުލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އާސަންދައިން މިހާރު ދެނީ އެންމެ މުއްސަނދި މީހާ އާއި އެންމެ ފަގީރު މީހާއާ މެދު އެއްވެސް ތަފާތެއް ނެތި ފުލް ކަވަރޭޖު ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އެހެންކަމުން 60،000ރ. އަށްވުރެ ބޮޑު މުސާރައެއް ލިބޭ މީހުންނަށް އާސަންދަ ދެން ލިބޭނީ "ކޯ-ޕޭ"ގެ އުސޫލުން ނުވަތަ ކޮންމެ އަހަރަކު ސަރުކާރަށް ފީއެއް ދައްކައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކޮށް ރައްޔިތުން ބޭނުންވާ އެހެން ކަންކަމަށް ހަރަދު ކުރެވޭނެ އެވެ.
"އެހެންވީމާ މުއްސަނދިންނާއި އިންކަމް ޓެކްސް ޕޭކުރާ ފަރާތްތައް މުއްސަނދިންނަށް ކޮންމެހެން އާންމުންނަށް މި ލިބޭ ގޮތަށް ހުރިހާ ކަމެއް ފްރީކޮށް ލިބޭކަށް ނުޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ 60،000ރ. ލިބޭ މީހުންނަށް އާސަންދަ ފުލް ކަވަރޭޖު ނުލިބޭ ގޮތަށް ހެދުމުގެ އުސޫލު ކުރިއަށް އޮތް ތަނުގައި އިއުލާން ކުރަމުން ގެންދާނެ ކަމަށެވެ.