މައިމޫން ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދިނުމަށާއި މާލެއިން ބޭރަށް ދާނަމަ އެކަން ފުލުހުންނަށް އަންގަން ޝަރުތުކޮށްފައި

މިދިޔަ ހޯމަ ދުވަހުގެ ރޭ ހައްޔަރު ކުރި އެމްޑީޕީގެ އެކްޓިވިސްޓް އަހުމަދު މައިމޫން މުހައްމަދު ބަންދުން ދޫކޮށްލައިފި އެވެ.
މައިމޫން ހައްޔަރު ކުރީ މިދިޔަ މަހުގެ 28 ގެ ރޭގައި އެމްޑީޕީން ބޭއްވި މުޒާހަރާ އާންމު މަސްލަހަތު ނަގާލައި މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑުތައް ހުރަސްކޮށް އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައިވާ ސަރަހައްދަށް ވަނުމުގެ ތުހުމަތުގަ އެވެ.
އެ މައްސަލާގައި އޭނާ ފަސް ދުވަހަށް ބަންދު ކުރުމަށް ފަހު އިއްޔެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓުން ވަނީ ޝަރުތުަކާއެކު ދޫކޮށްލައިފަ އެވެ. އެއީ ތަހުގީގަށް އެއްބާރުލުން ދިނުމާއި މާލެ ސަރަހައްދުން ބޭރަށް ދާނަމަ ފުލުހަށް އެންގުމާއި އުޅޭ އެޑްރެސް އަދި ގުޅޭނެ ނަމްބަރު ބަދަލުވިޔަސް ފުލުހުންނަށް އެންގުމަށެވެ.
އެ ޝަރުތުތަކާ ހިލާފު ވެއްޖެ ނަމަ އަލުން ބަންދު ކުރާނެ ކަމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނެފައިވެ އެވެ.
މައިމޫނަކީ އެމްޑީޕީގެ ޒުވާނުންގެ ހިތްވަރު ގޮފީގެ ނައިބު ރައީސެވެ.