ޔާމީން މީގެ ކުރިން ވަނީ މަޖިލީހުގެ ތެރޭގައި ވެސް ހިމޭން އިންގިލާބެއް ހިނގާ ކަމަށް ވިދާޅުވެފަ

ރައްޔިތުންގެ މަޖިލީހުގެ އިތުރުން ސަރުކާރުގެ ކެބިނެޓުގައި ވެސް ހިމޭން އިންގިލާބެއް ހިނގަމުން އަންނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ދާދި ފަހުން ޔާމީން ވަނީ މަޖިލިސް މެންބަރުން މި ސަރުކާރާ މެދު ހިތްހަމަ ޖެހިވަޑައިނުގަންނަވާ ކަމަށާއި ހިމޭން އިންގިލާބެއް ގެނައުމުގެ މަސައްކަތް ހިނގާ ކަމަށް ވިދާޅުވެފަ އެވެ.
އެ މައްސަލާގައި މަޖިލިސް މެންބަރުންނާއި ޕީއެންސީގެ އިސްވެރިން ވަނީ ސޯޝަލް މީޑިއާގައި ޔާމީނަށް ރައްދު ދެއްވައިފަ އެވެ. އަދި އެ މައްސަލާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޕީއެންސީން ޖަގަހަ ޖަލްސާއެއް ބާއްވައި ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
އެގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ ޔާމީންގެ އަނބިކަނބަލުންނަށް ވެސް އަމާޒުކޮށް ފާޑު ވިދާޅުވެފަ އެވެ.
އެ ވާހަކަތަކަށް ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ އެ މެންބަރުން ވެއްޓޭހާ ދަށު ދަރަޖަ އަށް އެމަނިކުފާނު ވެއްޓެން ބޭނުން ނުވާ ކަމަށެވެ.
ނަމަވެސް އިންގިލާބެއް ހިނގާ ކަމަށާއި "ކިތަންމެ ރުޅި އަޔަސް" އެ ހަގީގަތް ބަދަލު ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ހަމަ މިކަމުގެ ހޫނުގަނޑު މިއުޅެނީ އެނގޭތޯ. މަޖިލިސް ތެރޭ އެކަންޏެއް ނޫން އެނގޭތޯ، ކެބިނެޓުގެ ތެރޭގައި ވެސް އެކަން އެބަ ހިނގާ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކީ 2028 ކާމިޔާބު ނުކުރެވޭނެ ކަން އެ މެންބަރުންނަށް އެނގިވަޑައިގަންނަވަ އެވެ. އެކަން ވޭތުވެދިޔަ އިންތިހާބުތަކުގެ ނަތީޖާތަކުން ފެންނަ ކަމަށް ޔާމީން ވިދާޅުވި އެވެ.
އިންގިލާބެއް ގެންނަން އުޅޭ ކަމަށް ޔާމީން ކުރައްވާ ތުހުމަތުތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް އާއި ފަލާހު ފަދަ މެންބަރުން ވަނީ ރައީސް މުއިއްޒަށް އަދި ޕީއެންސީ އަށް ވަފާތެރިކޮށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.