ޔާމީން ވިދާޅުވީ އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ކުރި ކަމެކެވެ. އަދި ރޯކޮށްލި މީހާ ފުލުހުންނަށް ވެސް އެނގޭނެ ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.

ތިން މިނިސްޓްރީއެއްގައި ގަސްތުގައި ރާވައިގެން އަލިފާން ރޯކޮށްލީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ތުހުމަތު ތަހުގީގު ކުރަން ނިންމައިފި އެވެ.
ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވި ގޮތުގައި ތިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ކުރި ކަމެކެވެ. އަދި ރޯކޮށްލި މީހާ ފުލުހުންނަށް ވެސް އެނގޭނެ ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންނާއި އެކުވެރި ގައުމުތަކުގެ މާހިރުން ކުރި ތަހުގީގުން ހޯދިފައި ވަނީ އެ ހާދިސާ ހިނގީ ކަރަންޓު ނަރުތަކެއްގައި ރޯވެގެން ކަމަށެވެ.
އެ މައްސަލާގައި ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައި ނުވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
ނަމަވެސް ޔާމީން ކުރެއްވި ތުހުމަތަކާ ގުޅިގެން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފު ކުރައްވައި ތަހުގީގުގައި އިތުރަށް ބަލަން ޖެހޭ ކަންކަން ހުރި ނަމަ ބެލުމަށް ފުލުހުންނަށް ދަންނަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"..ހަމަ އެއާއެކު ދިވެހި ފުލުހުންގެ މައްޗަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތުހުމަތު ތަހުގީގުކޮށް ދެއްވުމަށްއެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް އަޅުގަނޑުވާނީ ދަންނަވާފައި." އިހުސާން ވިދާޅުވި އެވެ.
ތިން މިނިސްޓްރީއެއް ހިންގަމުން އިމާރާތާއި އެންވަޔަރުމެންޓް މިނިސްޓްރީ އާއި އީޕީއޭ ހިންގަމުން އައި ގްރީން ބިލްޑިން އަދި މާލެ ސިޓީ ކައުންސިލް ހިންގަމުން އައި ތަނުގައި ރޯވީ ޑިސެމްބަރު 12، 2024 ގެ ހެނދުނު 6:30 ގަ އެވެ.