ކުރިން ޑޮލަރުގެ އަގު ކަނޑައަޅަނީ އެތެރޭގެ ބާޒާރުގައި ތިބޭ ބައެކެވެ. ނަމަވެސް މިހާރު މި ފެންނަނީ އެކަން ބަދަލު ވަމުންދާ ތަނެވެ.

މީގެ ދެ މަސް ކުރިއާ ހާލަތު ތަފާތު ވެއްޖެ އެވެ. ޑޮލަރުގެ އަގު މަތިވަމުން ދިއުން ހުއްޓުވަން ސަރުކާރުން އަޅަން ފެށި ފިޔަވަޅާއެކު މިހާރު ފެންނަ މަންޒަރު މިވަނީ ތަފާތުވެފަ އެވެ. ކުރިން މި ބާޒާރުގެ ލަގަން އޮތް ފަރާތްތަކުގެ އަތުން އެ ލަގަން ދޫވަމުންދާކަން މިވަނީ ފެންނަން ފަށާފަ އެވެ. މީގެ ހެއްކަކީ އިމްޕޯޓަރުން ނުވަތަ މުދާ އެތެރެ ކުރާ ފަރާތްތަކުން "ޑޮލަރުގެ އަގު ކަނޑައެޅުމު" ގެ ބާރު ލިބިގެން ދިއުމެވެ. އިއްޔެ ދިމާވި ރާއްޖޭގެ ބޮޑު ވިޔަފާރިވެރިއަކު ޔަގީންކަމާއެކު ބުނީ އެ ވާހަކަ އެވެ. އެ ބާޒާރަށް ލޮޅުން އަރައިފި އެވެ.
"ޔަގީންކަން މި ދެނީ ލޮޅުން އަރައިފި، މިހާރު ކުރިން އޮތް އަގެއް ނޫން އޮތީކީ، ކުރިން ޑޮލަރު ހޯދަން ގުޅާލުމުން ކިޔާ އަގެއް ނޫން މިހާރު ކިޔަނީކީ، " ރާއްޖެ އަށް ހިލަ އާއި ހިލަވެލި ގެންނަ ވިޔަފާރިވެރިޔާ މިހާރުގެ ހާލަތު ކިޔައިދިނެވެ.
މިހާރުގެ ހާލަތަކީ އެންމެ ހާލަތު ގޯސްވި ދުވަސްވަރަށްވުރެ މިހާރު އަގުތައް ހުރީ 4ރ. ވަރު ވެއްޓިފަ އެވެ. މާނައަކީ ރާއްޖޭގެ ގާނޫނު ހުއްދަކުރާ ޑޮލަރު މާރުކުރާ އަދަދާ ގާތަށް ޖެހިލާން މިހާރު ހުރީ 4ރ. ގާތުގަ އެވެ.
"އަޅުގަނޑުމެން މި އަދަދުން ގަތީމަ ދެން އެ ވަނީ ބަދަލުވެފަ. ޔަގީންކަން މިދެނީ ކުރިއަށް އޮތްތަކުގައި ވެސް ދާނީ ދަށަށް،" ނަން ނުޖެހުމަށް އެދި ކިޔައިދިނެވެ.
ރާއްޖެ އަށް ކާބޯތަކެތި އެތެރެކުރާ އެހެން ވިޔަފާރިއަކު އިއްޔެ ބުނީ މިހާރު ހުރި އަދަދުން ބަލާނަމަ ބުނެވޭނީ އަގު ކޮންޓްރޯލް ކުރަން ތިބި މީހުންގެ އަތްމަތިން ދޫވެއްޖެ ކަމެވެ.
"ކުރިން އެ މީހުން އައިސް ބުނަނީ މި އަގަށޭ ތިމަންނަމެން ވިއްކަނީ. މިހެން ބުނީމަ އަޅުގަނޑުމެންނަށް އިތުރު ޗޮއިސްއެއް ނޯވެ. ނަމަވެސް މިހާރު އެ ޗޮއިސް އެބައޮތް. އެކި މީހުންގެ އަގު ތަފާތު. 20ރ. އިން ފެށިގެން 19ރ. އަށްވެސް ވަނީ ތިބިވެފަ. އެންމެ މަތިން ވެސް މި އުޅެނީ 21ރ. އެވެސް މިހާރު އަންނަނީ މަދުން،" ނަން ނުޖެހުމަށް އެދި ކިޔައިދިނެވެ.
އެހެން ވިޔަފާރިއަކު ބުނި ގޮތުގައި މިހާރު އައިސްފައިވާ މި ބަދަލުގެ ސަބަބުން ކުރިން އޮތް ޕްރެޝަރަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ވަނީ ލިބިގެން ގޮސްފަ އެވެ.
"މިކަމުގެ ހަގީގީ ހައްލަކީ ބޭންކްއިން އެންމެ މަދުވެގެން ޓީޓީގެ 50 ޕަސެންޓް ދިނުން. މިހާރު ކުދި ޓީޓީތަކަށް ދޭ 20 އާއި 30 ޕަސެންޓުގެ އަދަދެއް،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

މި ބަދަލު އައިސްފައިވަނީ ހަމަ ހުރެފައެއް ނޫނެވެ. މި ބަދަލު އައިސްފައިވަނީ ސަރުކާރުން މިކަމަށް ގިނަ ފިޔަވަޅުތަކެއްވެސް އަޅަން ފެށުމާއެކުގަ އެވެ. އަނެއް ބަދަލަކީ ޓޫރިޒަމް ރަނގަޅުވަމުން ދިއުމެވެ. އަދި މަރުކަޒީ ބޭންކުން ވެސް ވަނީ ގިނަ ކަންތައްތަކެއް ތަންފީޒުވެސް ކުރަން ފަށާފަ އެވެ. އަދި އެމްއެމްއޭ އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާ ކަމަށް ތުހުމަތުކުރެވޭ ތަންތަން ރެއިޑްކުރަންވެސް ވަނީ ފަށާފަ އެވެ.
ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވައިފަ އެވެ. ބިލްގައިވާ ގޮތުން ބޭރު ފައިސާގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކަކަށް މާރުކުރުން ފަށަން ޖެހޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު ރިސޯޓުތަކަށް ބޭރު ފައިސާ އިން ނުވަތަ ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭނެ އެވެ. ނަމަވެސް، ގެސްޓްހައުސްގެ ވިޔަފާރިކުރާ ފަރާތްތަކުން ބޭރު ފައިސާ މާރުކުރަން ޖެހޭނީ ހަމަ ކުރިން ވެސް އެ ގާނޫނުގައި އޮތް ގޮތަށް ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ 20 ޕަސެންޓެވެ.
މި ބަދަލު ގެންނަން ޖެހުނީ ޓޫރިޒަމުން 5 ބިލިއަނެއްހާ ޑޮލަރު ލިބުނު ނަަމަވެސް، މީގެ ދެ ބިލިއަން ޑޮލަރު ބޭންކިން ނިޒާމަށް ނުވަންނަކަން އެނގެން އޮތުމުންނެވެ. މި އަދަދު ދައުރުވަނީ ނުކިއްސަރު ބާޒާރުގަ އެވެ. ނަމަވެސް މިކަން ކުރަން އެމްއެމްއޭއިން ވަނީ ދުރުރާސްތާގެ ޕްލޭނެއް އެކުލަވާލާފަ އެެވެ. އެ ފިޔަވަޅުތަކާއެކު އެ ބަދަދުވެސް ފެންނަން ފަށާނެ އެވެ.