ސުޕަބްރޭންޑްސްއަކީ 90 އަށްވުރެ ގިނަ ޤައުމުގައި ހަރަކާތްތެރިވަމުން އަންނަ 42،000 އަށްވުރެ ގިނަ ކޭސް ސްޓަޑީޒް ޝާއިއުކޮށްފައިވާ ބްރޭންޑިން ދާއިރާގެ އެންމެ ބޮޑު އެއް ނެޓްވޯކެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ބްރޭންޑްތަކުގެ އަގު ވަޒަން ކުރަން ދުނިޔޭގެ އެންމެ ބޮޑު އިންޑިޕެންޑެންޓް ބްރޭންޑިން އޮތޯރިޓީ ކަމަށްވާ "ސުޕަބްރޭންޑްސް" ގެ ފަރާތުން "ސުޕަބްރޭންޑްސް މޯލްޑިވްސް" ތައާރަފުކޮށްފި އެވެ.
ސުޕަބްރޭންޑްސްއަކީ 90 އަށްވުރެ ގިނަ ޤައުމުގައި ހަރަކާތްތެރިވަމުން އަންނަ 42،000 އަށްވުރެ ގިނަ ކޭސް ސްޓަޑީޒް ޝާއިއުކޮށްފައިވާ ބްރޭންޑިން ދާއިރާގެ އެންމެ ބޮޑު އެއް ނެޓްވޯކެވެ. އެ ފަރާތުގެ ތަޖުރިބާކާރު އިވެލުއޭޝަން ޕްރޮސެސްގެ ސަބަބުން ބްރޭންޑްތަކުގެ ނަން މަޝްހޫރުވެ ކަސްޓަމަރުންގެ މެދުގައި ބްރޭންޑަށް އޮންނަ މަޤުބޫލުކަން އިތުރުވެ އެވެ.
ސުޕަބްރޭންޑްސްގެ ރާއްޖޭގައި މި ޕްރޮގްރާމްގެ ފްރެންޗައިޒް ހޯލްޑަރަކީވެސް ޓްރާސް މީޑިއާއެވެ. ސުޕަބްރޭންޑްސް މޯލްޑިވްސްގެ ޗެއަޕާސަންގެ ގޮތުގައި ހަރަކާތްތެރިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މަޢުސޫމްއެވެ. މި ޕްރޮގްރާމްގެ ދަށުން ޓޫރިޒަމް ސިނާއަތާއި ދަތުރުފަތުރާއި ރީޓެއިލް އަދި ޚިދުމަތް ދިނުމުގެ ދާއިރާތައް ހިމެނޭހެން ރާއްޖޭގެ އެކި ސިނާޢަތްތަކުން ބްރޭންޑްތައް އިވެލުއޭޓް ކުރާނެ އެވެ. މިކަން ކުރިއަށް ގެންދާނީ މެނޭޖްމަންޓާއި މާކެޓިން އަދި އެޑްވަޓައިޒިން އާއި ޑިޒައިން ޕީއާރު އަދި ވިޔަފާރީގެ ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ "ސުޕަބްރޭންޑްސް މޯލްޑިވްސް ކައުންސިލް" އިންނެވެ.

ސުޕަބްރޭންޑް ލޯންޗް ކުރަން ބޭއްވި ރަސްމިއްޔާތުގައި ހާރިޖީ ދާއިރާގެ ތަޖުރިބާކާރު އަލީ ހުސެއިން ދީދީ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާއި ޒުވާން ވިޔަފާރިވެރިންގެ އުފެއްދުންތެރިކަން ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން އައި ނަމަވެސް، ޕަބްލިކް ސެކްޓަރަށް އެ ދުވެލީގައި ޚިދުމަތް ނުދެވޭކަން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ސުޕަބްރޭންޑްސްގެ ސަބަބުން މި ދެ ދާއިރާ އެއްކޮށް ކުރިއަރައިގެން ދިއުމަށް ބާރު އެޅިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގްލޯބަލް ސުޕަރބްރޭންޑްސް ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ހިންގާ މި ހަރަކާތުގައި ބައިވެރިވެވޭނީ ހަމައެކަނި އެކަމަށް ދައުވަތު ދެވޭ (އިންވިޓޭޝަން އޮންލީ) ފަރާތްތަކަށެވެ. "ސުޕަރބްރޭންޑްސް ސްޓޭޓަސް" އެވޯޑްކުރެވޭ ބްރޭންޑްތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
އޭގެ ތެރޭގައި:
ލޯކަލް އަދި ބައިނަލްއަޤްވާމީ މާކެޓުގައި ބްރޭންޑުގެ ޤަދަރާއި އިތުބާރު ބޮޑުވުން
އެ ބްރޭންޑަކީ އެ ކެޓަގަރީއެއްގެ އެންމެ މޮޅު އެއް ބްރޭންޑްކަން އަންގައިދީ، ކަސްޓަމަރުންގެ ޔަގީންކަން ކަށަވަރުވުން
ސުޕަބްރޭންޑްސްގެ ޕަބްލިކޭޝަންތަކާއި މާކެޓިން ކެމްޕޭންތައް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި މީޑިއާ އެކްސްޕޯޝާ ލިބުން