މި ސާވޭގެ މައިގަނޑު ބޭނުމަކީ އާންމުންނާއި މުނިފޫހިފިލުވުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މިހާރު އެ ގޮނޑުދޮށް ބޭނުންކުރަމުންދާ ގޮތާއި، އެ ސަރަހައްދުގެ މިހާރުގެ ހާލަތު ދެނެގަތުންކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަހައްދުގައި ރައްޔިތުންނަށް ރައްކާތެރިކަމާއެކު މޫދަށް އެރެވޭނެ އިންތިޒާމާއި، މަސްބާނަން ގޮސްލެވޭނެ ހާއްސަ ސަރަހައްދެއް ގާއިމުކުރުމުގެ ގޮތުން އެޗްޑީސީން އިން އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.
މި މަޝްރޫއުގެ ދަށުން، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ތައްޔާރުކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރު ދަނީ ކުރަމުންނެވެ. އަދި މި އީ.އައި.އޭ ރިޕޯޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ސާވޭއެއް މިހާރު ވަނީ ފަށައިފަ އެވެ.
މި ސާވޭގެ މައިގަނޑު ބޭނުމަކީ އާންމުންނާއި މުނިފޫހިފިލުވުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މިހާރު އެ ގޮނޑުދޮށް ބޭނުންކުރަމުންދާ ގޮތާއި، އެ ސަރަހައްދުގެ މިހާރުގެ ހާލަތު ދެނެގަތުންކަމަށް އެޗްޑީސީން ބުންޏެވެ. އަދި ހުށަހަޅާފައިވާ އާޓިފިޝަލް މޫދަށްއެރޭ ސަރަހައްދާއި މަސްބާނާ ޕްލެޓްފޯމާ މެދު ރައްޔިތުން ދެކޭގޮތް ދެނެގަތުން ވެސް މި ސާވޭގެ ތެރޭގައި ހިމެނެ އެވެ.
އެޗްޑީސީން ބުނީ، މި ސާވޭއިން ލިބޭ މައުލޫމާތަކީ އީ.އައި.އޭ ރިޕޯޓްގެ ހުށަހެޅުންތައް އެކުލަވާލުމަށާއި، މުޖުތަމައުގެ ބޭނުންތަކަށް ރިއާޔަތްކޮށް މަޝްރޫއު ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށް ލިބޭނެ ބޮޑު އެހީއެއް ކަމަށެވެ.
ހުޅުމާލެ ފޭސް 2 ގެ ބީޗް ސަރަޙައްދު ތަރައްގީކުރުމަށް ހުށަހަޅާފައިވާ ޕްލޭން އެކުލެވިގެންވަނީ މައިގަނޑު ދެ ބައެއްގެ މައްޗަށެވެ.
މި މަޝްރޫއު ފުރިހަމަވެގެން ދިޔުމަކީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ހިތްފަސޭހަކަމާއި ރައްކާތެރިކަމާއެކު މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ.