ޕީއެންސީގެ މެންބަރުން އަދިވެސް ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ވަފާތެރިކޮށް ކަމަށް އަބްދުއްރަހީމް ވިދާޅުވި

ޕީއެންސީ ބައިބައިކޮށްލާ ރެނދު އަޅުވާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް އެ ޕާޓީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޔާމީން މި ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ ހިތުގައި އޮތް ހަސަދަވެރިކަމެއްގެ ސަބަބުން ކަމަށެވެ.
ޔާމީނާ ޖެހިފައިވާ މައްސަލައަކީ އެމަނިކުފާނު ނޫން އެހެން ބޭފުޅަކަށް ވެރިކަން ހޯދައި ދޭން މަސައްކަތް ކުރުން ކަމަށާއި ނަމަވެސް ޔާމީނަށް ވުރެ ގައުމު މުހިންމު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އޭނާ އާއި ޕީއެންސީގެ އިސް ބޭފުޅުން އަދިވެސް ތިއްބެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކުގައި ކަމަށާއި އެމަނިކުފާނަށް އިހުލާސްތެރިކަމާއެކީ ގަދަކޮށް ކަމަށެވެ.
"ޕީއެންސީގައި ރެނދު އަޅުވަން ހަދާނެ އެއްޗެއް ފަނޑިތައެއް އެއްވެސް ސިހުރެއް ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވާނެ. މިތިބީ އިހުލާސްތެރިކަމާއެކީ ވަރަށް ގަދަކޮށް." އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީއެންސީގެ މެންބަރުން ރައީސް މުއިއްޒަށް ވަފާތެރި ކަމުގެ ވާހަކަ އަބްދުއްރަހީމް ތަކުރާރުކޮށް ފާހަގަ ކުރެއްވީ މި ފަހުން އެކަމާ ގުޅޭ ގޮތުން ޔާމީން ދެއްކެވި ވާހަކައެއްގެ ސަބަބުންނެވެ.
ޔާމީން ވިދާޅުވި ގޮތުގައި މަޖިލީހުގެ ތެރެއިން ހިމޭން އިންގިލާބެއް ކުރިޔަށް އެބަދެ އެވެ. އަދި ބައެއް މެންބަރުން ތިއްބެވީ ސަރުކާރާއެކުއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.