އެއީ ސްޓޭޓް މިނިސްޓަރާއި ޑެޕިއުޓީ މިނިސްޓަރާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުންގެ ތެރެއިން ވަކި ކުރި އަދަދު

ވޭތުވެދިޔަ ތިން މަސް ތެރޭގައި ސަރުކާރުގެ މަގާމުތަކުން 205 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ޗީޕް ސްޕޯކްސްޕާސަން މުހައްމަދު ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
މުންދު މިހެން ވިދާޅުވީ ނޫސްވެރިންނާއެކު ކޮންމެ ހަފްތާއަކު ބާއްވާ ބައްދަލުވުމަށް "އަދަދު" ގެ ނޫސްވެރިއަކު އައުމުން އެ ބައްދަލުވުން ކެންސަލް ކުރުމަށް ފަހު ޕީއެސްއެމް ސްޓާފުންގެ ކެފޭ ތެރޭ ނުރަސްމީ ގޮތެއްގައި ބޭއްވި ސައެއްގައި ވާހަކަ ދައްކަވަމުންނެވެ.
ސިޔާސީ މުވައްޒަފުންނާ ގުޅޭ ގޮތުން ސުވާލު ކުރުމުން މުންދު ވިދާޅުވީ އެ ފަރާތްތަކުގެ މަސައްކަތުގެ އިވެލުއޭޝަނެއް ހަދައި ވަކި ކުރުމުގެ މަސައްކަތް އަދިވެސް ފުޅާ ދާއިރާއެއްގައި ހިނގަމުން އަންނަ ކަމަށެވެ.
"މިހާރު 205 މުވައްޒަފުން އުނިކޮށްފި، ތިން ހަތަރު މަސް ތެރޭގައި. އެއީ ސްޓޭޓް މިނިސްޓަރުން، ޑެޕިއުޓީ މިނިސްޓަރުން، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި ޕޮލިޓިކަލް ޑިރެކްޓަރުން. އެ މަސައްކަތް އަދިވެސް ނުނިމޭ އެ މަސައްކަތް ނިމުނީމަ އުނިވި އަދަދު ވެސް ދަންނަވާނަން." މުންދު ވިދާޅުވި އެވެ.
ގާނޫނުއަސަސީގެ 115 ވަނަ މާއްދާގެ ދަށުން ސިޔާސީ މުވައްޒަފުން އައްޔަން ކުރުމުގެ އިހްތިޔާރު ރައީސަށް ލިބެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެތައް ހާސް ސިޔާސީ މުވައްޒަފުން ތިބި ކަމަށް އެކި ފަރާތްތަކުން ބުނަމުންދާއިރު ސަރުކާރުން ތަކުރާރުކޮށް ގެންދިޔައީ ސީދާ އަދަދު ހާމަ ނުކޮށް ސިއްރު ކުރަމުންނެވެ.
ނަމަވެސް ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ އަށް ބޮޑެތި ސިޓީތައް ގެއްލި އަދި ރިފަރަންޑަމް ވޯޓުގައި ސަރުކާރު ނާކާމިޔާބުވުމުންނެވެ.