މުންދު ވިދާޅުވީ މިއަދުގެ ޕްރެސް ކޮންފަރެންސް ވެސް ބާއްވަން ތައްޔާރުވީ ރައީސް އޮފީހުގެ މީޑިއާ ގްރޫޕްގައި ހިމެނޭ މީޑިއާތަކަށް ދައުވަތު ދީގެންނެވެ. އެ މީޑިއާތަކުގެ ތެރޭގައި އަދަދު ނޫސް ނުހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ޓީވީއެމްގައި ބާއްވަން ނިންމި ނޫސްވެރިންގެ ބައްދަލުވުމަށް 'އަދަދު' ނޫހުގެ ނޫސްވެރިއަކު ހާޒިރުވުމުން، އެ ބައްދަލުވުން ކެންސަލް ކޮށްފި އެވެ.
ރައީސް އޮފީހުގެ ރަސްމީ މީޑިއާ ގުރޫޕުން އަދަދު ނޫސް ބޭރުކޮށް، އެ އޮފީހުގެ ޕްރެސްތަކުގައި ބައިވެރިވުން އެ ނޫހަށް ވަނީ މަނާކޮށްފަ އެވެ.
ތަރުޖަމާނުގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާން ތާވަލުކޮށްފައި ވަނީ މިއަދު ހަވީރު 4:00 އަށެވެ.
ނަމަވެސް ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކުރުމަށްފަހު މުންދު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ތަރުޖަމާނުގެ ހައިސިއްޔަތުން ސިލްސިލާކޮށް ބާއްވާ ފްރެސް ކޮންފަރެންސްތަކަކީ ރައީސް އޮފީހުން ގެޒެޓުކޮށްފައިވާ އުސޫލުގެ ދަށުން އުފައްދާފައިވާ ހާއްސަ ގްރޫޕްގައި ހިމެނޭ މީޑިއާތަކަށް ދައުވަތު ދީގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކެއް ކަމަށެވެ.
މުންދު ވިދާޅުވީ މިއަދުގެ ޕްރެސް ކޮންފަރެންސް ވެސް ބާއްވަން ތައްޔާރުވީ ރައީސް އޮފީހުގެ މީޑިއާ ގްރޫޕްގައި ހިމެނޭ މީޑިއާތަކަށް ދައުވަތު ދީގެންނެވެ. އެ މީޑިއާތަކުގެ ތެރޭގައި އަދަދު ނޫސް ނުހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.
އެގޮތުން އެ ނޫހުން މީގެ ދެތިން މަސްދުވަސް ކުރިން ރައީސް އޮފީހުގައި "ޣައިރު ގާނޫނީ އަމަލުތަކެއް" ހިންގާފައިވާ ކަމަށާއި އަދި އެ ނޫހާ ދެކޮޅަށް ޖިނައީ މައްސަލަތަކެއް ވެސް ކުރިއަށް ގެންދާތީ، ރައީސް އޮފީހުގެ މީޑިއާ ގްރޫޕުން އެ ނޫސް އުނިކޮށްފައިވާ ކަން މުންދުގެ ވީޑިއޯ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވުމަށް ނަން ނޯޓުކުރަން މެސެޖުކުރަން ޖެހޭ ނަންބަރަށް 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރުގެ ނަން ވަނީ ފޮނުވާފަ އެވެ. ނަމަވެސް އެ މެސެޖަށް ރައީސް އޮފީހުން އެއްވެސް ޖަވާބެއް ފޮނުވާފައެއް ނުވެ އެވެ. އަދި އޭނާ ވަނީ ބައްދަލުވުމަށް ހާޒިރުވެފަ އެވެ.
ނަމަވެސް އެތަނުން ނުކުންނަން އެންގުމުން އޭނާ އެތަނުން ގޮސްފައި ނުވާތީ، އެ ބައްދަލުވުން ވަނީ ކެންސަލްކޮށްފަ އެވެ. މުންދު ވިދާޅުވީ އެ ޕްރެސް ކޮންފަރެންސް އެހެން ދުވަހަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
'އަދަދު' ނޫހުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވެފައިވާ ކަމަށް ބުނެ، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް އެ ނޫހުގެ ނޫސްވެރިން ވަނުން، މިދިޔަ މެއި މަހުން ފެށިގެން ވަނީ މަނާ ކޮށްފަ އެވެ.