ކަނޑުގައި އުފެދޭ ކުދި ދިރުންތަކާއެކު އިސްރާއިލްގެ ފެނުގެ ނިޒާމަށް ނުރައްކާ

މެޑިޓަރޭނިއަން ކަނޑުގައި އުފެދުނު މައިކްރޯއަލްގީ ގެ ސަބަބުން އިސްރާއީލުގައި ލޮނުފެން މީރުކުރާ ޕްލާންޓްތަކެއް ވަގުތީގޮތުން ހުއްޓުމަކަށް އައިސް އެގައުމުގެ ބޯފެނުގެ ނިޒާމަށް ވަނީ ނުރައްކާ ވެފަ އެވެ.

އިސްރާއިލްގެ ވޯޓާ އޮތޯރިޓީގެ ޓީމްތަކުން ފެނުގެ ނިޒާމު ބެލެހެއްޓުމުގައި -- ސީއެންއެން

މެޑިޓަރޭނިއަން ކަނޑުގައި އެތައް މޭލަކަށް ފެތުރިފައިވާ މައިކްރޯއަލްގީ (ލޮލަށް ނުފެންނަ ކުދި ފެއްސާއި ދިރުންތަކެއް) ގެ ސަބަބުން އިސްރާއީލުގައި ލޮނުފެން މީރުކުރާ ޕްލާންޓްތަކެއް ވަގުތީގޮތުން ހުއްޓުމަކަށް އައިސް އެގައުމުގެ ބޯފެނުގެ މައިގަނޑު ވަސީލަތަށް ބޮޑު ނުރައްކަލަކަށް ވެއްޓިއްޖެ އެވެ. 

ގުދުރަތީ ގޮތުން އުފެދުނު މި ނުރައްކާތެރި ހާލަތާ ބެހޭ ގޮތުން ސީއެންއެން އިން އިސްރާއީލުގެ ގައުމީ ފެން ކުންފުނި ކަމަށްވާ "މެކޮރޮޓް" އާ ހަވާލާ ދީ ހާމަކޮށްފައިވާ ގޮތުގައި އެގައުމުގެ އައްސޭރިފަށުގައިވާ 6 ޑީސެލިނޭޝަން ޕްލާންޓުގެ ތެރެއިން 5 ޕްލާންޓެއް އާދީއްތަ ދުވަހު ވަނީ ބަންދުކުރަން ޖެހިފަ އެވެ. އޭގެ ފަހުން ބައެއް ޕްލާންޓްތައް އޮޕަރޭޓްކުރަން އަލުން ފަށާފައިވީ ނަމަވެސް، ބުރާސްފަތި ދުވަހާ ހަމައަށް ފުރިހަމަ ކެޕޭސިޓީގައި ހިންގަމުންދިޔައީ އެންމެ ޕްލާންޓެކެވެ.

މެކޮރޮޓްގެ ތަރުޖަމާނު ލިއޯރ ގަޓްމަން ވިދާޅުވީ މިއީ އިސްރާއީލުގެ ތާރީޚުގައި ވެސް މީގެ ކުރިން ދިމާވެފައިނުވާ ވަރަށް ނާދިރު ހާދިސާއެއް ކަމަށެވެ. ނަމަވެސް ގާތްގަނޑަކަށް %99 ހާލަތްތަކުގައި އާންމުންނަށް ބޯފެން ލިބުމުގައި ދަތިކަމެއް ދިމާނުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

އިސްރާއީލަކީ ވާރޭވެހޭ މިންވަރު މަދު އަދި ބޮޑެތި ކޯރު ތަކެއް ނެތް ހަނަފަސް ގައުމަކަށް ވުމާއެކު، އެގައުމުގެ ބޯފެނުގެ %65 އަށްވުރެ ބޮޑު ބައެއް ހޯދަނީ ޑީސެލިނޭޝަން ޕްލާންޓްތައް މެދުވެރިކޮށެވެ. މީގެ ގިނަ ޕްލާންޓްތައް ހުންނަނީ މެޑިޓަރޭނިއަން ކަނޑުގެ އައްސޭރިފަށުގައެވެ.

ބެން ގޫރިއަން ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު އެޑޯ ބަރ-ޒީވް ވިދާޅުވި ގޮތުގައި، މި އަލްގީތައް އުފެދިގެން އައިސްފައިވާ ކަމަށް ބެލެވެނީ މިސްރުގެ ނީލަކޯރުގެ ޑެލްޓާ ސަރަޙައްދުންނެވެ. އަދި ކަނޑުގެ އޮއިވަރާއެކު އުތުރަށް ދަތުރުކޮށް އިސްރާއީލުގެ އައްސޭރިފަށަށް ފޯރީ އެވެ. އަދި 12 މޭލަށްވުރެ ބޮޑު ސަރަޙައްދަކަށް ފެތުރިފައިވާ މި އަލްގީތަކަކީ އަވިންނާއި ކާބަންޑައިއޮކްސައިޑްގެ އިތުރުން ފެނުގައި ހުންނަ ނިއުޓްރިއެންޓްސް ބޭނުންކޮށްގެން ވަރަށް ހަލުވިކަމާއެކު އާލާވާ އެއްޗެކެވެ.

މި ޕްލާންޓްތަކުގައި ބޭނުންކުރާ "ރިވާސް އޮސްމޯސިސް" ނިޒާމުގައި ފެން ސާފުކުރުމަށް ބޭނުންކުރާ މެމްބްރޭން (ފިލްޓަރު) ތަކަށް މި އަލްގީތަކުގެ ސަބަބުން ގެއްލުންވެ، ފިލްޓަރުވުމުގެ މަސައްކަތް ހުއްޓުމަކަށް އަންނަނީ ކަމަށް ޔުޓާ ޔުނިވަރސިޓީގެ މެދުއިރުމަތީގެ ސެންޓަރުގެ ޑިރެކްޓަރ މައިކަލް ކްރިސްޓޯފަރ ލޯ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ފެނުގައި ހުންނަ ކުނިބުނި މާގިނަވުމުން، ފެން ސާފުކުރާ ނިޒާމަށް އޭގެ ބާރު ފޯރުވުމަށް ދަތިތަކާ ކުރިމަތިވެއެވެ.

ޕްލާންޓްތައް ހުއްޓުމާ ގުޅިގެން، ފެނުގެ ދަތިކަން ފޫބެއްދުމަށް ސަރުކާރުން ވަނީ "ސީ އޮފް ގެލިލީ" އިން ފެން ނެގުމާއި، ބިމުއަޑީގެ ފެންވަޅުތަކާއި ގައުމީ ފެނުގެ ރިޒާވްތައް ބޭނުންކުރަން ފަށާފަ އެވެ. އަދި ބައެއް ސިޓީތަކުގައި އާންމު ބަގީޗާތަކަށް ފެންދިނުމާއި ސްވިމިންގ ޕޫލްތައް ފުރުން ފަދަ ކަންކަން ވަނީ މަޑުޖައްސާލާފައެވެ. މިއީ ހޫނު މޫސުމުގައި ފެނަށް އޮންނަ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރާ ދިމާވި ކަމަކަށް ވުމުން، މި ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.

އިސްރާއީލުގެ އޯޝަނޯގްރަފިކް އެންޑް ލިމްނޮލޮޖިކަލް ރިސާޗް އިންސްޓިޓިއުޓްގެ މެރިން އިކޮލޮޖިސްޓް ތަމާރް ގުއި-ހައިމް ވިދާޅުވި ގޮތުގައި، މިފަދަ އަލްގީތައް އާލާވަނީ ފެނުގެ ހޫނުމިނާއި، އައްޔާއި، އޮއިވަރު އަދި ނިއުޓްރިއެންޓްސް އެކުލެވޭ މިންވަރު ވަކި ގޮތަކަށް ދިމާވުމުންނެވެ. މި ފަހަރުގެ ހާދިސާގައި ކަނޑު ގަދަވެ ފެންގަނޑު ތަޣައްޔަރުވުމުގެ އިތުރުން، ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން 30 ޑިގްރީ ސެލްސިއަސްއަށް އެރުން ހިމެނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.