އެ ގައުމުގެ ނޫސްތަކުގައިވާ ގޮތުން ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށް ބަލަހައްޓަމުންދާ މި މަރުކަޒުން ހިންގި މި ވައްކަމުގެ މައްސަލަ އިންޑިއާގެ ފުލުހުންނާއި އަސްކަރިއްޔާ އިން މިހާރު ދަނީ ވަކިވަކިން ތަހުގީގު ކުރަމުންނެވެ.

އިންޑިއާގެ ސިކުންދްރާބާދު ކެންޓޮންމަންޓުގައި ހުންނަ މަދްރާސް ރެޖިމެންޓުގެ ހަތިޔާރު ގުދަނެއް ފަޅާލައި، ގިނަ އަދަދެއްގެ ހަތިޔާރާއި ވަޒަން ވަގަށް ނަގައިފިއެވެ.
އެ ގައުމުގެ ނޫސްތަކުގައިވާ ގޮތުން ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށް ބަލަހައްޓަމުންދާ މި މަރުކަޒުން ހިންގި މި ވައްކަމުގެ މައްސަލަ އިންޑިއާގެ ފުލުހުންނާއި އަސްކަރިއްޔާ އިން މިހާރު ދަނީ ވަކިވަކިން ތަހުގީގު ކުރަމުންނެވެ.
ހައިދަރުއާބާދުގެ ބޮލާރަމް ޕޮލިސް ސްޓޭޝަނަށް މަދްރާސް ރެޖިމެންޓުގެ ލެފްޓިނެންޓް ކާނަލް މަޔަންކް ގޮވިޓްރޭކަރ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ހަތިޔާރުތައް މަދުކަން އެނގުނީ އޮގަސްޓް 31 ވަނަ ދުވަހުގެ ހެނދުނު 8:00 ހާއިރު ކަމަށެވެ. މި ތަކެތި ވަގަށް ނަގާފައިވަނީ ހަތިޔާރު ރައްކާކުރާ ގުދަނާއި ބެޓާލިއަން މެގަޒިންގެ ތަޅުތައް ހަލާކުކޮށްލައި، އެތެރޭގައި ހުރި ކަބަޑުތައް ވެސް ގަދަކަމުން ހުޅުވައިގެންނެވެ.
މީގެ އިތުރުން ގިނަ އަދަދެއްގެ ވަޒަންވެސް ވަނީ ވަގަށް ނަގާފައެވެ. އޭގެ ތެރޭގައި 9އެމްއެމް ފިސްތޯލައިގެ 1،120 ވަޒަނާއި، އޭކޭ-203 ރައިފަލްގެ 720 ވަޒަނާއި، އިންސާސް ހަތިޔާރަށް ބޭނުންކުރާ ވަޒަނުގެ އިތުރުން، ތަފްސީލު ހާމަކޮށްފައިނުވާ އިތުރު 36 ވަޒަން ހިމެނެއެވެ. ވަގަށް ނަގާފައިވާ ހަތިޔާރާއި ވަޒަނުގެ އަގު ގާތްގަނޑަކަށް 1.5 މިލިއަން އިންޑިއަން ރުޕީސްއަށް އަރާނެކަމަށް ލަފާކުރެވެއެވެ.
ލެފްޓިނެންޓް ކާނަލް ގޮވިޓްރޭކަރ ވިދާޅުވި ގޮތުގައި އޮގަސްޓް 30 ވަނަ ދުވަހުގެ ހަވީރު 6:00 ގައި ހަތިޔާރު ގުދަން ބަންދުކުރިއިރު ހުރިހާ ހަތިޔާރަކާއި ވަޒަނެއް ހަމައަށް ހުއްޓެވެ. އެހެންކަމުން މި ވައްކަން ކޮށްފައިވަނީ އޭގެ ފަހުން ކަމަށް ވިޔަސް، ވައްކަން ކުރި ސީދާ ގަޑިއެއް ނޭނގެ އެވެ.