"ހުރިހާ ޔުނިޓުތަކެއްގައި ވެސް ސަލާމަތީ އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާއިރު، އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ޔުނިޓުތައް އިސްކޮށް، އެ ހިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަޝްވަރާތައް ދަނީ ކުރެވެމުން،" ޝަކީލް ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފުލެޓުތަކުގައި ރައްކާތެރިިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.
ޝަކީލް ވިދާޅުވީ އެފްޑީސީގެ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކުރުމަށާއި، އަދި އެ ޓަވަރުތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ފަށާފައިވާ ހާއްސަ މަސައްކަތެއް ކަމަށެވެ.
"ހުރިހާ ޔުނިޓުތަކެއްގައި ވެސް ސަލާމަތީ އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާއިރު، އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ޔުނިޓުތައް އިސްކޮށް، އެ ހިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަޝްވަރާތައް ދަނީ ކުރެވެމުން،" ޝަކީލް ވިދާޅުވި އެވެ.
އެފްޑީސީގެ ފްލެޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން މަޝްވަރާ ކުރަމުންދާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރެސިޑެންޝަލް ޓަވަރުތަކުގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކުރުމަށް އެޗްޑީސީ އަށް އެންގުމަށް އިއްޔެ މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ފާސްކޮށްފަ އެވެ.
ފްލެޓްތަކުގެ ސަމާލަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމާފައިވާއިރު، މިދިޔަ އަންގާރަ ދުވަހު ސްޓެލްކޯގެ ފްލެޓް އިމާރާތެއްގެ 12 ވަނަ ފަންގިފިލާއިން ދެ އަހަރުގެ ކުއްޖަކު ވެއްޓި، ވަނީ ނިޔާވެފަ އެވެ. އޭގެ ދުވަހެއް ކުރިން އެފްޑީސީގެ ފްލެޓަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި ވަނީ އަނިޔާވެފަ އެވެ.