އެ ބަދަލަށް އަމަލުކުރަން ފަށާނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި އެގައުމުގައި 30 ދުވަހު ތިބެވޭނެ އެވެ.

ތައިލޭންޑްގެ ސަރުކާރުން އެ ގައުމުގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލާއެކު، ދިވެހިންނަށް ވިސާއާ ނުލައި އެ ގައުމަށް 30 ދުވަހަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލޭންޑް ސަރުކާރުގެ ކެބިނެޓުން ވަނީ އެ ގައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 93 ގައުމެއްގެ ފަތުރުވެރިންނަށް ވިސާ އާ ނުލައި އެގައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރަން ނިންމާފަ އެވެ.
އެ ނިންމުމާއެކު ރާއްޖެ އޮތީ ވިސާއާ ނުލައި 15 ދުވަހު އެ ގައުމުގައި ތިބެވޭ ލިސްޓުގަ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، ތައިލެންޑް ފޮރިން މިނިސްޓަރު ސީހާސަކް ފޫވަންގްގެޓްގޭއޯ އަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ފޯނުން ގުޅުއްވައި، އެ ނިންމުން ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
"ދެ ވަޒީރުންގެ ވާހަކަފުޅަށްފަހު، ޖުލައި މަހުގެ 14 ގައި ވިސާ ޕޮލިސީ އަނެއްކާ ވެސް މުރާޖާކޮށް އާންމުކުރި ނިންމުމުގައި، ތައިލޭންޑަށް ވިސާ އާ ނުލައި ދިވެހީންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދީފައިވޭ،" ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ބަދަލަށް އަމަލުކުރަން ފަށާނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި އެގައުމުގައި 30 ދުވަހު ތިބެވޭނެ އެވެ.