އެގޮތުން އޭނާގެ ކޮއްކޮގެ ކަރުގައި ހިފައި ބިން މައްޗަށް ވައްޓާލައި އަނިޔާކޮށްފައިވާ ކަމަށާއި އަދި އިސްތަށިގަނޑުގައި ހިފައިގެން ވެސް އަނިޔާކޮށްފައިވާ ކަމަށް އޭނާ އިއުތިރާފުވެފައިވެ އެވެ.

އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއަށް އަނިޔާކުރި މައްސަލައެއް ސާބިތުވި ދިވެހި ފިރިހެނަކު ޖޫރިމަނާ ކޮށްފި އެވެ.
އޮކްޓޯބަރު، 2024 ގައި ހިނގި މި ހާދިސާގައި ފިރިހެން މީހާގެ މައްޗަށް ދައުލަތުން އުފުލީ އަނިޔާއެއް ދިނުމުގެ ދައުވާ އެވެ.
ޝަރީއަތުގައި ފިރިހެން މީހާ ވަނީ އޭނާގެ އަންހެން ކޮއްކޮއަށް އަނިޔާ ކުރި ކަމަށް އިއުތިރާފުވެފަ އެވެ. އެގޮތުން އޭނާގެ ކޮއްކޮގެ ކަރުގައި ހިފައި ބިން މައްޗަށް ވައްޓާލައި އަނިޔާކޮށްފައިވާ ކަމަށާއި އަދި އިސްތަށިގަނޑުގައި ހިފައިގެން ވެސް އަނިޔާކޮށްފައިވާ ކަމަށް އޭނާ އިއުތިރާފުވެފައިވެ އެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ގާނޫނުލްއުގޫބާތުގެ ދަށުން، މީހެއްގެ ހަށިގަނޑަށް އެއްވެސް ކަހަލަ ތަދެއްވުން، ބައްޔެއް ޖެއްސުން ނުވަތަ ޖިސްމާނީ ގޮތުން އުނިކަމެއް އައުމަކީ އަނިޔާ ދިނުމެވެ. އަނިޔާ ދިނުމުގެ ކުށް މައިގަނޑު ގޮތެއްގައި ދެ ދަރަޖައަކަށް ބެހިގެންވެ އެވެ. އެއީ މީހަކަށް އަނިޔާއެއް ދިނުމާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ނުވަތަ ބޮޑު އަނިޔާއެއް ދިނުމެވެ.
މީހަކަށް އަނިޔާއެއް ދިނުން މިއީ އާންމު ގޮތެއްގައި ޖުނަހްގެ އެއްވަނަ ދަރަޖައިގެ ކުށަކަށްވާތީ، އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ނަމަވެސް މި މައްސަލައިގައި ފިރިހެން މީހާ ކުޑަށް އިއުތިރާފުވެފައި ވާތީ، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ޖަލު ހުކުމުގެ އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް، އޭނާ 7200 ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފައިސާ ތިން މަސް ތެރޭ މީރާއަށް ދައްކަން ވަނީ އަމުރުކޮށްފަ އެވެ.