ފުލުހުން ބުނީ އެކަން ކަށަވަރުކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން މިހާރު ކުރަމުންދާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭ 2 ގެ ވިނަރެސް ޓަވަރު 7 ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި ނުވަ އަހަރުގެ އަންހެން ކުއްޖާ މަރުވީ ދުއްވާފައި އައި އެހެން ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، އެ ކުއްޖާގެ ގައި މައްޗަށް ކާރު އަރައިގެން ކަމަށް ތަހުގީގަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ރޭ ބުނީ، މި ހާދިސާ ހިނގި ސަރަހައްދުގެ ވީޑިއޯ ފުޓޭޖާއި އެކްސިޑެންޓް ސީންގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، ކާރަށް އަރަން އުޅުމުގެ ތެރޭގައި ކަމަށެވެ.
އެވަގުތު އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެމީހާގެ ގައިގައި ޖެހި، ސައިކަލު މަގުގެ ކަނާތްފަރާތު ލޭނަށް ވަނީ ވެއްޓިފަ އެވެ.
"އަދި އެވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން ވެއްޓުނު، އުމުރުން ނުވަ އަހަރުގެ ކުއްޖާގެ ގައިގައި ޖެހިފައިވާ ކަމަށް ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާކަމަށް ތަހުގީގަށް ބެލެވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެކަން ކަށަވަރުކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން މިހާރު ކުރަމުންދާ ކަމަށެވެ.
މި އެކްސިޑެންޓްގައި އަނިޔާވި މ. ލެމަންޓްރީ، ޒީވާ ސިނާން އަހުމަދަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފަ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން، އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ޓޯކޮށް، އެ އުޅަނދުތައް ދުއްވި ތިން މީހުންގެ ލައިސަންސް ވެސް ހިފަހައްޓާފައިވާ ކަމަށެވެ.
އަދި މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރު އެ އުޅަނދު ދުއްވާފައިވަނީ އޭނާގެ ލައިސަންސް ކުރިންވެސް ހިފަހައްޓާފައި ވަނިކޮށް ކަމަށްވާތީ، އޭނާ ޖޫރިމަނާކޮށް ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.