އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމްޕޯޓް ޑިއުޓީންނެވެ. އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.21 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ %12.1 (239.5 މިލިއަން ރުފިޔާ) ގެ އިތުރުވުމެކެވެ.

މި އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 27.92 ބިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރާ އަޅާބަލާއިރު އާމްދަނީއަށް 6.9 ޕަސެންޓްގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން އާންމުކުރި ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓްގައިވާ ގޮތުން ޖުމްލަ ޓެކްސް އާމްދަނީއަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.2 ޕަސެންޓް އިތުރުވެ، 21.73 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
އިމްޕޯޓް ޑިއުޓީ - މާލީ ހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި ހަފުތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމްޕޯޓް ޑިއުޓީންނެވެ. އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.21 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 12.1 ޕަސެންޓް (239.5 މިލިއަން ރުފިޔާ) ގެ އިތުރުވުމެކެވެ.
ޓީ.ޖީ.އެސް.ޓީ އަދި ޖީ.އެސް.ޓީ - ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 7.52 ބިލިއަން ރުފިޔާ (4.4 ޕަސެންޓް އިތުރުވުމެއް) ލިބިފައިވާއިރު، އާންމު ޖީ.އެސް.ޓީގެ ގޮތުގައި 3.56 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
އެހެނިހެން ޓެކްސްތައް - ވިޔަފާރި އާއި މުދަލުން ލިބުނު ޓެކްސް އާމްދަނީ 19.7 ޕަސެންޓް އިތުރުވެ، 5.55 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކޯޕަރޭޓް އިންކަމް ޓެކްސް ވަނީ 6.1 ޕަސެންޓް އިތުރުވެ، 2.87 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްއިން ލިބުނު އާމްދަނީ ވެސް ވަނީ 8.2 ޕަސެންޓް އިތުރުވެ، 1.26 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.
މުދަލާއި ގޯތިގެދޮރުން ލިބުނު އާމްދަނީއަށް ވެސް 32.0 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާއިރު، މި އަދަދު ވަނީ 1.68 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު 1.17 ބިލިއަން ރުފިޔާއާއި، ބިން ގަތުމާއި ބިމުގެ ބޭނުން ބަދަލުކުރުމުގެ ފީގެ ގޮތުގައި ލިބުނު 424.0 މިލިއަން ރުފިޔާ ހިމެނެ އެވެ.
މީގެ އިތުރުން، ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު 88.0 ޕަސެންޓުން އިތުރުވެ، 250.9 މިލިއަން ރުފިޔާއިން 471.8 މިލިއަން ރުފިޔާއަށް ވަނީ އުފުލިފަ އެވެ.
އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިފައިވީ ނަމަވެސް، ދައުލަތުގެ ޖުމްލަ ޚަރަދުތައް ވެސް ވަނީ 17.5 ޕަސެންޓުން އިތުރުވެ، 29.96 ބިލިއަން ރުފިޔާއަށް އަރާފައެވެ. ރިކަރަންޓް ހަރަދުގެ ގޮތުގައި 26.14 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވީ 3.82 ބިލިއަން ރުފިޔާ އެވެ.
ހަރަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ މުވައްޒަފުންގެ މުސާރައާއި އުޖޫރައަށެވެ. އެގޮތުން މުސާރައަށް ކުރި ހޭދަ 4.75 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެހީއާއި ސަބްސިޑީގެ ގޮތުގައި ދޫކުރި މިންވަރު ވެސް ވަނީ 40.3 ޕަސެންޓް އިތުރުވެ، 8.54 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ އިތުރުން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރި ޖުމްލަ ހަރަދު ވަނީ 3.33 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.